ޔުއެފާ ޗެމްޕިއަންސް ލީގު ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އިޓަލީވިލާތަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އޭސީ މިލާނާއި ނަޕޯލީ ބައްދަލުކުރިމެޗް މިލާނުން ކާމިޔާބުކޮށްފިއެވެ.
މިލާންގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ނާޕޮލީންނެވެ. ނަމަވެސް މިލާނުން މިމެޗްގައި ޑިފެންޑް ކުރިލެން ވަރުގަދަވެފައި ކައުންޓަރ އެޓޭކްގައި ނަޕޯލީގެ ގޯލަށް ދޭތެރެ ދޭތެރެއިން އުފެއްދި ހަމަލާތަކަށް ނަޕޯލީއަށް އެންމެ ފުރިހަމަ ގޮތުގައި މިމެޗްގައި ޖަވާބު ދެވޭގޮތެއްނުވިއެވެ.
މި މެޗްގައި މިލާނުން ޖެހި ހަމައެކަނި ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ބްރަހަމް ޑިއާޒްގެ ހުނަރުވެރިކަމާއެކު ތަނަވަސްކުރި ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ އިސްމާއީލް ބެނާސަރއެވެ. މިމެޗްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަޏޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމުންވެސް ތަނަވަސްކުރިތަން ފެނިގެންދިޔައެވެ. މިމެޗްގައި ނަޕޯލީއަށް ލަނޑު ޖަހަން ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ މެޗްގެ ފުރަތަމަ މިނެޓްގައި ޖޯޖިއާގެ ހުވީޗާ ކްވަރަޓްސްހޭލިއާއަށެވެ. އޭނާ ފޮނުވާލި ހަމަލާ މިލާނުން ދިފާއު ކުރީ ގޯލް ރޮނގުމަތިންނެވެ.
މީގެއިތުރުން އަންޑްރޭ ފްރޭންކް ޒަމްބޯ އަންގުއިސާ އާއި ޕިއޮޓްރޭ ޒިއެލިންސްކީއަށް ލިބުނު ފުރުސަތުތައްވެސް ފާހަގަ ވެގެންދިޔައެވެ. މިމެޗްގައި މިލާނަށް ލީޑު ފުޅާކުރުމަށް ލިބިގެންދިޔަ އެންމެ ރަނގަޅު ފުރުސަތު ލިބިގެންދިޔައީ ސައިމަން ކިޔާއަށެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާ ނުކުތީ ހުރަސް ދަނޑީގައި ޖެހިފައެވެ. އަދި މެޗް ނިމެން ގާތް ވެފައިވަނިކޮށް ނަޕޯލީގެ ކެޕްޓަން ޖިއޮވާނީ ޑި ލޮރެންޒޯ ފޮނުވާލި ނުރައްކާތެރި ހަމަލާވަނީ މިލާންގެ ކީޕަރ މައިކް މައިގްނާ ދިފާއުކޮށްފައެވެ. މިމެޗްގެ 74 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑަކާއެކު ނަޕޯލީގެ އަންގުއިސާއަށް ވަނީ ރަތްކާޑު ދައްކާފައެވެ.
މި ކާމިޔާބީއާއެކު މިއަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ދެވަނަ ލެގަށް މިދެޓީމް ނިކުންނައިރު މިލާނަށް މިވަނީ ކުޑަ ލީޑެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެމެޗް ނުޅެވެނީ ނަޕޯލީގެ ދަނޑުގައި ވެފައި ދެޓީމްގެ ތަފާތުގައިވަނީ އެންމެ ލަނޑެއްގެ ތަފާތު ކަމުން އަދިވެސް މިކުރިމަތިލުން ކާމިޔާބު ކުރުމުގެ ފުރުސަތު ދެޓީމަށްވެސް އެބައޮތް ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.
މިދެޓީމް މީގެ 10 ދުވަސްކުރިން އިޓާލިއަން ސެރީއާގައި ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗް ހަތަރު ލަނޑު ސުންލަނޑުން މިލާން ކާމިޔާބުކޮށްފައި ވުމުގެ ސަބަބުން މިލާނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ބެލެވެއެވެ. އަދި މިމެޗަށް ނިކުންނައިރު އަންގުއިސާއަށް ނުކުޅެވޭނެއިރު އެޓީމްގެ ޑިފެންޑަރ ކިމް މިން ޖައޭއަށް ދެ ރީނޑޫ ކާޑު ހަމަވެފައިވުމުގެ ސަބަބުން އެ މެޗަށްވަނީ ސަސްޕެންޑްވެފައެވެ.