ކުޅިވަރު

އަނިޔާގެ ސަބަބުން މާކަސް ރަޝްފަޑް ކުޅުމާ ދުރަށް


އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދާ މާކަސް ރަޝްފަޑްއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދެތިން މެޗްގައި އޭނާ ނުފެންނާނެކަމަށް އެ ކްލަބުން ހާމަކޮށްފިއެވެ.

ރަޝްފަޑްއަށް އަނިޔާވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ޕްރިމިއަރ ލީގުގައި އެވަޓަންއާއި ކުޅެ މޮޅުވި މެޗްގައެވެ. ޔުނައިޓެޑްގެ ކޯޗް އެރިކް ޓޭން ހާގް ހާމަކުރިގޮތުގައި ރަޝްފަޑް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށާއި އެއީ އަދި އޭނާއަށް ލިބިފައިވާ އަނިޔާގެ މާގިނަ ތަފްސީލެއް ލިބިފައިނުވާކަމަށެވެ.

ޓެން ހާގް ހާމަކުރިގޮތުގައި މިއީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހީނަރު ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ރަޝްފަޑްވެސް ދެރަވެފައިވާކަމަށެވެ. ނަމަވެސް ރަޝްފަޑާއި ކްލަބްގެ ވިސްނުން ހުރީ އަނިޔާއިން ރަނގަޅުވެގެން ވީހާވެސް އަވަހަކަށް ކުޅުމުގެ ތެރެއަށް އައުމަށް މަސައްކަތް ކުރުމަށްކަމަށެވެ.

މިސީޒަންގައި ރަޝްފަޑް އަންނަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އަދި ހާއްސަކޮށް ވާރލްޑް ކަޕުން އެނބުރި އައިފަހުން އޭނާގެ ކުޅުން އިތުރަށް ރަނގަޅު ވެފައިވާވެއެވެ. މިއީޒަންގައި މިހާތަނަށް ރަޝްފަޑްވަނީ 47 މެޗްގައި 28 ލަނޑު ޖަހާދީފައެވެ. އަދި ވާރލްޑް ކަޕުން އެނބުރި އައިފަހުން އޭނާވަނީ 28 މެޗްގައި 20 ލަނޑު ޖަހާދީފައެވެ.

މީގެއިތުރުން މިސީޒަންގައި މިހާތަނަށް ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ރަޝްފަޑް ކުޅެފައިވެއެވެ. ޔޫރޮޕާ ލީގު ކްއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި މިރޭ ސެވިއްޔާ އާއި ދެކޮޅަށް ޔުނައިޓެޑް ނިކުތުމަށް ހަމަޖެހިފައިވާއިރު ރަޝްފަޑްގެ މަގާމް ފުރުން އެންމެ ގާތީ އެންތަނީ މަޝިއަލްއެވެ.

މާޝިއަލްވެސް އަންނަނީ އަނިޔާއިން އެނބުރި އައިސް މަޑުމަޑުން ކުޅުމުގެ ތެރެއަށް އަންނަމުންނެވެ. މިގޮތުން ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ދެމެޗްގައިވެސް މާޝިއަލްވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. އެހެން ކަމުން އޭނާ ހުރީ ފުރަތަމަ އެގާރައިގާ ބައިވެރިވެވޭވަރަށް ފިޓްކޮށް ކަމަށްވެސް ޓެން ހާގް ހާމަކުރިއެވެ.