ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގައި ބުރާސްފަތި ދުވަހު ކުޅުނު މެޗުތަކުން އެމްޓީސީސީ-ބީ، ވާމިލިޔަން އަދި އެސްޓީއޯ ރެކްރިއޭޝަން ކުލަބު މޮޅުވެއްޖެއެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ފުރަތަމަ މެޗުން ގްރޫޕް ބީގައި ހިމެނޭ އެމްޓީސީސީ-ބީ މޮޅުވީ ރިޔާނާ ވާދަކޮށް 77 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން އެމްޓީސީސީ-ބީ ކުޅެން އަރައި 7.5 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 114 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 11 ބޯޅައިން 27 ލަނޑު ހެދި އަރަސަމްއެވެ. ޖަވާބުގައި ރިޔާން ކުޅެން އަރައި ހަތްވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 37 ލަނޑެވެ.
ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ދެވަނަ މެޗުން ގްރޫޕް ސީގައި ހިމެނޭ ވާމިލިޔަން މޮޅުވީ މީޑިއާނެޓާ ވާދަކޮށް 61 ލަނޑުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވާމިލިޔަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 139 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 34 ލަނޑު ހެދި ތަރަކަ ސަންދަރުވަންއެވެ. ޖަވާބުގައި މީޑިއާނެޓް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 78 ލަނޑެވެ.
މީގެ އިތުރުން މި މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ތިންވަނަ މެޗުން ގްރޫޕް ޑީގައި ހިމެނޭ އެސްޓީއޯ މޮޅުވީ ވެމްކޯއާ ވާދަކޮށް ފަސް ވިކެޓުންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވެމްކޯ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 103 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 25 ލަނޑު ހެދި ފައިސަލެވެ.
ޖަވާބުގައި އެސްޓީއޯ ކުޅެން އަރައި ހަތްވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 109 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ އަށް ބޯޅައިން 28 ލަނޑު އެއްކުރި އަލްހާޒް އަޙްމަދެވެ.
މި ފަހަރުގެ ކޮމްޕެނީ މުބާރާތުގައި 15 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ފަސް ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.