ކުޅިވަރު

ޕެލެގްރީނީގެ ޕެނަލްޓީއާއެކު ރޯމާ އަތުން ފެޔެނޯޑަށް މޮޅެއް


ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި އޭއެސް ރޯމާއާ ދެކޮޅަށް ކުޅުނު މެޗު ފެޔެނޯޑުން ކާމިޔާބުކޮށްފިއެވެ.

ފެޔެނޯޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ފެޔެނޯޑްއިން ގިނައިރު ބޯޅަ ގެންގުޅުނު މިމެޗްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެއެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ރޯމާއަށް ލިބިގެންދިޔައެވެ. މިގޮތުން މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ ރޯމާގެ ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީ ޖެހުމުން ދަނޑުގައި ޖެހި ކާމިޔާބުވާގޮތެއް ނުވިއެވެ.

މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 53 ވަނަ މިނެޓްގައި ފެޔެނޯޑަށް ޖަހާދިނީ މެޓްސް ވިއެފަރއެވެ. މިމެޗްގައި ރޯމާގެ ފޯވަޑް ލައިންގެ ދެކުޅުންތެރިޔަކަށް އަނިޔާވެގެން ވަނީ ބާލާފައެވެ. މިގޮތުން މެޗްގެ 26 ވަނަ މިނެޓްގައި ޕައުލޯ ޑިބާލާއަށް އަނިޔާވެގެން ބާލަން ޖެހުނު އިރު ޓެމީ އަބްރަހަމް ވަނީ ދެވަނަ ހާފްގެ ކުރީކޮޅު ކޮނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން ބާލާފައެވެ.

މިކާމިޔާބީއާއެކު ފެޔެނޯޑަށް އެއް މެޗްގެ ލީޑެއް ލިބިފައިވީ ނަމަވެސް ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ ރޯމާގެ ދަނޑުގައި ކަމުން އެކަމުގެ ފައިދާ ނެގޭތޯ ރޯމާއިން މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. އަދި މިކާމިޔާބީއާއެކު ފެޔެނޯޑްވަނީ އަމިއްލަ ދަނޑުގައި ކުޅުނު ޔޫރަޕްގެ މެޗްތަކުގައި ބަލިނުވެ 14 މެޗް ހަމަކޮށްފައެވެ.