މޮންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ނޯވަކް ޖޮކޮވިޗް ކަޓައިފިއެވެ.
މިމުބާރާތުން ޖޯކޮވިޗް ކެޓީ އިޓަލީވިލާތުގެ ލޮރެންޒޯ މުސެއްޓީ އާއި ބައްދަލުކުރި މެޗުން 2 ސެޓް އެއް ސެޓުން ބަލިވުމުންނެވެ.
ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ އުމުރުން 35 އަހަރުގެ ޖޯކޮވިޗް މިމެޗްގެ ފުރަތަމަ ސެޓް ހަތަރެއް ހަޔަކުން ކާމިޔާބު ކުރި ނަމަވެސް ޖެހިގެން އައި ދެސެޓް ހަތެއް ފަހެއް އަދި ހައެއް ހަތަރަކުން ކާމިޔާބުކުރީ މުސެއްޓީއެވެ. މިއީ މުސެއްޓީގެ މުޅި ކެރިއަރުގައިވެސް މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ވަނީ ސިފަކުރެވިގެން ގޮސްފައެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި މުސެއްޓީ ބައްދަލުކުރާނީ އިޓަލީވިލާތުގެ އެހެން ކުޅުންތެރިއެއް ކަމަށްވާ ޔަނިކް ސިނަރއާއެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މުސެއްޓީ ހާމަކުރިގޮތުގައި އޭނާއަށް ނުރޮވި މިހުރީ ހަމަ ކިރިޔާކަމަށެވެ. މިއީ އޭނާގެ ހަޔާތުގައި ވަރަށް ބޮޑު ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.
މިމުބާރާތުގެ ކްއާޓަރ ފައިނަލުން ސިނަރ ޖާގަހޯދީ ތިންވަަނަ ބުރުގައި ޕޯލަންޑްގެ ހުބަރޓް ހާރކާޒް އާއި ބައްދަލުކޮށް ދެސެތް އެއްސެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ ތިނެއް ހައެއް، ހަތެއް ހަޔެއް އަދި ހައެއް އެކަކުންނެވެ.
މިމުބާރާތުގައި ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު މައޭމީ އޯޕަންގެ ޗެމްޕިއަން ޑަނީލް މެޑްވެޑޭވް އާއި އެލެގްޒެންޑަރ ޒްވަރޭވް ބައްދަލުކުރިމެޗް 2 ސެޓް އެއްސެޓުން ކާމިޔާބުކުރީ މެޑްވެޑޭވްއެވެ. އެއީ ތިނެއް ހައެއް، ހަތެއް ފަހެއް އަދި ހަތެއް ހަޔަކުންނެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލްގައި މެޑްވެޑޭވް ބައްދަލުކުރާނީ މިމުބާރާތުގައި ހަވަނައަށް ސީޑް ކުރެވިފައިވާ ޑެންމާކްގެ ހޮލްގަރ ރޫންއާއެވެ.