ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ރަމަޟާން މަހު ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގައި ކުލަބު ސްޓެލްކޯ އަތުން ދިވެހި ސިފައިންގެ ކުލަބު މޮޅުވުމާއެކު، އެ ޓީމާއި ނިއު ރޭޑިއަންޓަށް ކުއާޓާ ފައިނަލުގެ އަނެއް ދެ ޖާގަ ލިބިއްޖެއެވެ.
އެފްއޭއެމް އެއް ނަމްބަރު ޓާފް ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ސިފައިން ލީޑުނެގި އެވެ. މި ގޯލު ޖެހީ އަރިމަތިން ސިފައިންގެ ޓީމުގެ އަހުމަދު ފަޒާލް ނަގައިދިން ހުރަހަކަށް އޭރިއާތެރެއަށް ހުސްކޮށް އެރި ސިފައިންގެ ޓީމުގެ ކެޕްޓަން އަހުމަދު ޝާމިން އެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ ސްޓެލްކޯ އިން ވަނީ އެއްވަރުކޮށްފަ އެވެ. ސްޓެލްކޯގެ މި ގޯލު ޖެހީ ޕެނަލްޓީ އަކުން އެ ޓީމުގެ އަބްދުﷲ މުހައްމަދު އެވެ. މިއީ ސިފައިންގެ ކުޅުންތެރިއަކު އަތުގައި ބޯޅަ ޖެހުމުން ރެފްރީން ދިން ޕެނަލްޓީ އެކެވެ.
ސިފައިން ދެ ވަނަ ފަހަރަށް ލީޑުނެގި މި ގޯލަކީ ސްޓެލްކޯގެ ކީޕަރު ހުސެއިން ޝާފިއު އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ސިފައިންގެ ޓީމަށް ރަނގަޅު ކުޅުެމއް ދެއްކި ފަޒާލް ޖެހި ގޯލެކެވެ. ސިފައިން މި މެޗުން މޮޅުކޮށްދިނުމުގައި އެންމެ އިސް ރޯލެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އެ ޓީމުގެ ގޯލްކީޕަރު ހުސެއިން އަހުމަދު އެވެ. އޭނާ ވަނީ ސްޓެލްކޯގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.
މިނަތީޖާ އެކު ގްރޫޕް ބީގެ އެއް ވަނަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސް އެވެ. އެ ޓީމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި ނިންމި ސިފައިންނަށް ތިން މެޗުން ފަސް ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ ނިއު އަށް ލިބުނީ ދެ ޕޮއިންޓެވެ. ފުލުން ނިންމާލި ސްޓެލްކޯގެ އޮތީ ތިން މެޗުން ޕޮއިންޓެކެވެ. ނިއު އަނެއް ބުރަށް ދިޔައީ މެޗަކުން މޮޅެއްނުލިބި އެވެ.
ވެޓެރަންސް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދާފައިވަނީ ހުޅުމާލެ ވެޓެރަންސް، ޕޮލިސް ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް)، ބުރު ސްޕޯޓްސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. ކުއާޓާ ފައިނަލްގެ ބާކީ އޮތް ޖާގަ ކަނޑައެޅޭނީ މިއަދު ހަވީރު ހުއްރިއްޔާ ވެޓެރަންސް ކްލަބް (ހުރާ) އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާ މެޗުންނެވެ. ގްރީން ސްޓްރީޓްސް އަށް މޮޅުވެގެން އަނެއް ބުރަށް ދެވޭ ގޮތަށް އޮތްއިރު، ހުރާ އަށް އެއްވަރުކޮށްލައިގެން ވެސް ކުއާޓާގެ ޖާގަ ލިބޭނެ އެވެ.