ކުޅިވަރު

ބުރު ސްޕޯޓްސް ބަލިކޮށް ޓީސީން ސެމީގެ އުއްމީދު ދަމަހައްޓައިފި


މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުގެ އުއްމީދު ދަމަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ގްރޫޕް ދޭއެްގެ މެޗު ޓީސީ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޓީސީ މޮޅުވިއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޓީސީ ވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ހޮނިހިރު ދުވަހުގެރޭ މެޗަކީ މިދިޔަ އަހަރު ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައި، މި ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ޕްރޮމޯޓުވި ބުރު ސްޕޯޓްސްއިން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޓީސީއަށް ވަނީ މުޅިން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން ހުހަށްހުރެ އެ ޓީމުގެ ފޯވާޑް މުޙައްމަދު މުސްލިހު (މުއްޓި) ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވާއިރު، ޓީސީން ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފަށައިގެން ދެވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ހާފުގައި ބަދަލަކަށް ކުޅެން ނުކުތް އައިހަމް ހަމްދޫނެވެ.

އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ޓީސީގެ އަހުނަފް މުޙައްމަދު ތަސްނީމް (ނަފްކޮ) އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އަދި ނަތީޖާ އެއްވަރުކުރުމަށް ބުރު ސްޕޯޓްސްއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، އެ ޓީމުގެ މުޙައްމަދު ނާއިމް އާއި މުޙައްމަދު ތަޝްމީން (ތައްތި) ފޮނުވާލި ހަމަލާތައް ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާ ވަނީ ދިފާއުކޮށްފައެވެ.

މި މޮޅާއެކު ޓީސީން ސެމީގެ އުއްމީދު ދެމެހެއްޓިއިރު، ތިން ޓީމު ވާދަކުރާ މި ގްރޫޕުން ސެމީގެ ޖާގަ ލިބޭ ދެ ޓީމެއް ޔަގީންވާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ މާޒިޔާ އާއި ބުރު ސްޕޯޓްސް ކުޅޭ މެޗުންނެވެ.