އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ ކުރިއަށް އެސްޓަން ވިލާ ޖެހިލައިފިއެވެ.
ވިލާގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބު ކުރީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއިންނެވެ. މިމެޗްގައި ވިލާ ފެނިގެންދިޔައީ މުޅި މެޗްގައިވެސް މޮޅު ކުޅުމެއްދައްކަމުންދިޔަ ތަނެވެ. މިގޮތުން މިމެޗްގެ 11 ވަނަ މިނެޓްގައި ޖޭކޮބް ރެމްސީ ޖަހާދިން ލަނޑާއެކު ވިލާއިން ލީޑުނެގިއެވެ.
މިމެޗްގައި ވިލާގެ ދެވަނަ ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ މިވަގުތު ވަރަށް ފޯމްގައި ކުޅެމުންދާ އޮލީ ވޮޓްކިންސްއެވެ. އަދި މެޗްގެ 83 ވަނަ މިނެޓްގައި ވިލާގެ ފަހު ލަނޑު ޖަހާދިނީވެސް ވޮޓްކިންސްއެވެ. މިއީ މިފަހަރު ލީގުގައި އޭނާ ޖަހާދިން 14 ވަނަ ލަނޑެވެ. އަދި މި14 ލަނޑުގެ ތެރެއިން 11 ލަނޑު ޖަހާފައިވަނީ އެންމެފަހުން ކުޅުނު 12 މެޗްގައެވެ.
މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިމެޗްގައި ނިއުކާސްލްގެ ފަރާތުން މިސީޒަންގައި ފެންނަމުންދިޔަ މޮޅު ކުޅުން ދެއްކޭގޮތެއްނުވިއެވެ. އަދި މިސީޒަންގައި ޑިފެންސް ވަރުގަދަކޮށް ފެނިގެންދިޔަ ނިއުކާސްލް ކޮޅަށް މިއީ މިސީޒަންގައި އެންމެ ގިނަ ލަނޑު ޖެހިތަން ފެނިގެންދިޔަ މެޗެވެ.
މިކާމިޔާބީއާއެކު ވިލާއިން މިވަނީ 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ފަސްމެޗުން މޮޅުވެފައެވެ. އަދި މިކާމިޔާބީއާއެކު ވިލާއިންމިވަނީ މިހާތަނަށް ކުޅުނު 31 މެޗުން 50 ޕޮއިންޓް ހޯދާ ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިސީޒަންގެ ކުރީކޮޅު ރެލިގޭޝަންގެ ބިރު އޮތް ވިލާ މިހާރު މިވަނީ މިއަންނަ ސީޒަންގައި ޔޫރަޕްގެ ޖާގައެއް ލިބުމުގެ ފުރުސަތު ތަނަވަސްކުރޭ ހިސާބަށް ކުރިއަަށް ޖެހިލާފައެވެ. އަދި މިމެޗުން ބަލިވުމާއެކު ނިއުކާސްލްއަށް މިވަނީ ތިންވަނަ މަގާމް ގެއްލިދާނެކަމުގެ ބިރު ހީވެފައެވެ. އެއީ ލީގުގައި އާދީއްތަ ދުވަހުގެރޭ މެންޗެސްޓަރ ޔުނައިޓެޑާއި ނޮޓިންގހަމް ފޮރެސްޓް ބައްދަލުކުރާމެޗުން ޔުނައިޓެޑް މޮޅުވެއްޖެނަމަ އެޓީމަށް ތިންވަނަ މަގާމް ލިބިގެންދާނެތީއެވެ.