އިންޑިއަން ގްރޯން ޕްރީގެ ހަތަރުވަނަ މުބާރާތުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ރިހި މެޑެލް ހޯދައިފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 15 ވަނަ ދުވަހު ފެށި މުބާރާތުގައި ހޮނިހިރުޔ ދުވަހު ސާއިދު ރިހި މެޑެލް ހޯދީ 100 މީޓަރު ދުވުމުންނެވެ.
މި ރޭސް ސާއިދު ނިންމާފައިވަނީ 10.66 ސިކުންތުންނެވެ. މި ބައިގެ އެއްވަނައަށް ދިޔަ އައްސާމުގެ އަމްލާން ބޯގޮހޭން ރޭސް ނިންމީ 10.53 ސިކުންތުންނެވެ. އަދި ތިންވަނަ ހޯދި ޓަމިލް ނާޑޫގެ ރަގުލް ކުމާރް ރޭސް ނިންމާފައިވަނީ 10.77 ސިކުންތުންނެވެ.
އިންޑިއަން ގްރޯން ޕްރީގެ ހަތަރުވަނަ މުބާރާތުން ސާއިދު ރިހި މެޑެލް ހޯދިއިރު، އޭނާ ވަނީ އިންޑިއަން ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުގެ 100 މީޓަރު ދުވުމުންނާއި 200 މީޓަރު ދުވުމުން ރަން މެޑެލް ހޯދާފައެވެ. އަދި ދެވަނަ މުބާރާތުން ސާއިދު ވަނީ 200 މީޓަރު ދުވުމުން ރިހި މެޑެއްޔާއި 100 މީޓަރު ދުވުމުން ލޯ މެޑެލް ހޯދާފައެވެ. މީގެ އިތުރުން ދާދި ފަހުން ނިމުނު އިންޑިއަން ގްރޯން ޕްރީގެ ތިންވަނަ މުބާރާތުން ސާއިދު ވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ލޯ މެޑެލް ހޯދާފައެވެ.
އިންޑިއަން ގްރޯން ޕްރީގައި ސާއިދުގެ އިތުރުން އިންޑިއާގައި ފަރިތަކުރަމުން އަންނަ ރާއްޖޭގެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. އިންޑިއަން ހައި ކޮމިޝަނުގެ އެހީތެރިކަމާއެކު ގިނަ އެތުލީޓުންތަކެއް އިންޑިއާގައި ތަމްރީނު ފުރިހަމަކުރަމުން އަންނައިރު، މީގެ އަމާޒަކީ މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމެވެ.