ޚަބަރު

ފުވައްމުލަކު ޓިވެޓް ސެންޓަރ: އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާއަށް ޚާއްޞަ


ފުވައްމުލަކުގައި ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރެއް ތަރައްޤީކޮށް ހިންގުމުގެ މަސައްކަތަށް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކުރައްވައިފިއެވެ.

މި ޓިވެޓް ސެންޓަރަކީ ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން އިމާރާތްކުރާ ތަނެކެވެ.

މި ޓިވެޓް ސެންޓަރު ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު މިމަހުގެ 27 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ޢިމާރާތްކޮށް ހިންގާ ތަނެކެވެ. ފުވައްމުލަކުގައި ތަރައްޤީކުރައްވަން ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުން އެންވަޔަރަންމަންޓަލް ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކާއި ވޮކޭޝަނަލް ދާއިރާތަކުން ތަފާތު ކޯސްތައް ހިންގެވުމަށް މަގުފަހިވާނެއެވެ.

މި އިންސްޓިޓިއުޓް ޢިމާރާތް ކުރުމަށްޓަކައި ފުވައްމުލަކުން 30،000 އަކަފޫޓްގެ ބިމެއް ވަނީ ހަމަޖެހިފައެވެ. އަދި ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ އުސޫލުން ދިގުމުއްދަތަކަށް ޕްރޮޖެކްޓް ހިންގުމަށް މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި ޕްރޮޖެކްޓްގެ ޑިޒައިން މިނިސްޓްރީން ދޭއިރު، މިނިސްޓްރީގެ ހުއްދައާއެކު ޑިޒައިން ބަދަލުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. މި ޕްރޮޖެކްޓްގެ ސްކޯޕްގައި ހިމެނޭ ޓިވެޓް އިންސްޓިޓިއުޓްގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް މި ބިމުގައި އިތުރު ވިޔަފާރީ ޙަރަކާތްތައް ތަރައްޤީކުރުމުގެ ފުރުޞަތު ވެސް ޕްރޮޖެކްޓް ހިންގާ ފަރާތަށް ލިބޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

މި އިންސްޓިޓިއުޓުގައި އެކި ދާއިރާތަކުން ޕްރޮގްރާމްތައް ހިންގުމަށް ޚާއްޞަ ވޯކްޝޮޕްތަކާއި މަލްޓި-ޕާޕަސް ވޯކްޝޮޕާއި ކިޔަވައިދޭ ކްލާސް ރޫމާއި އައި.ސީ.ޓީ ލެބޯޓަރީ ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ވެސް ހުންނާނެއެވެ. މީގެ އިތުރުން ވެސް، މި ޢިމާރާތުގައި ދަރިވަރުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ ގޮތްތައް މަގުފަހިވެފައި ހުންނާނެއެވެ.