އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު 100 މީހުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.
އަރބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުން ބާރުވެރިކުރުވުމަށް އެ ކޯރޕަރޭޝަންގެ ޢާއްމު އިޖްތިމާޢީ ޒިންމާގެ ދަށުން ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ މުޖުތަމަޢުގައި ހުނަރުވެރި ޒުވާނުން އުފައްދައި، ފުދުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަހަމަކަން ގެނައުންކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.
މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ މައިގަނޑު 12 ދާއިރާއަކުންނެވެ. އޭގެތެރޭގައި ގާޑެނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ، ހައުސްކީޕިންގ، ލޯންޑްރީ އޮޕަރޭޝަންސް ހިމެނެއެވެ. އަދި ފްރަންޓް އޮފިސް ސަރވިސަސް، ހެވީ ވެހިކަލް އޮޕަރޭޝަންސް، ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޝަން، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިން އެންޑް ޑެކަރޭޝަންސް އަދި ވެލްޑިންގ ޓެކްނީކްސް ހިމެނެއެވެ.
Urbanco Apprenticeship program 2023 is now open for applications: https://t.co/li4Q3eeh3B
— Urbanco (@hdcmaldives) April 16, 2023
We are opening up for 100 slots across 12 fields with on the job experience, tailored to provide you with a versatile set of professional skills #WithUrbanco. pic.twitter.com/3PJ4tEXKYg
މި ޕްރޮގްރާމް ޚާއްޞަކޮށްފައިވަނީ ޢުމުރުން 18 އަހަރާއި، 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. ބައިވެރިން ހޮވުމުގައި ބަލާނެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމާފައިވުން ނުވަތަ އެމް.ކިއު.އޭގެ ލެވެލް 2 ގެ ސަނަދެއް އޮތުމާއި ވަޒީފާއެއް އަދާކުރަމުން ނުދާ ފަރާތެއްކަމުގައިވުން ހިމެނެއެވެ.
ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކްލާސްރޫމް ސެޝަންތަކާއި، ޢަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވެ ދަސްކުރުމުގެ ބައިތައް ވެސް ހިމަނައިގެންނެވެ. ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެއެވެ.
6 މަސްދުވަހުގެ މި ޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް މަހަކު 6000 ރުފިޔާގެ އެލަވަންސްއެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަރބަންކޯއިން ބުނީ، ޕްރޮގްރާމް ނިންމައި އެންމެ ރަނގަޅު ބައިވެރިންނަށް އެ ކޯރޕަރޭޝަންގައި ވަޒީފާ ހުރި މިންވަރަކުން ވަޒީފާގެ ފުރުޞަތުތައް ހަމަޖައްސައިދޭނެކަމަށެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެޕްލިކޭޝަން ހުށަހެޅުމަށް 14 މެއި 2023 ވަނަ ދުވަހު މެންދުރު 14:00 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.