ކުޅިވަރު

ކޮމްޕެނީ ޓޭޕްބޯލް: އަހިންޝަކާސް އާއި ވާމިލިޔަން ސެމީ ފައިނަލަށް


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ސެމީ ފައިނަލަށް އަހިންޝަކާސް އާއި ވާމިލިޔަން ދަތުރުކޮށްފިއެވެ.

ސެމީގެ ޖާގައެއް އަހިންޝަކާސްއިން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗުގައި ފްރެންޑްސް މޯލްޑިވްސްއާ ވާދަކޮށް ހަތަރު ވިކެޓުން މޮޅުވެގެންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ފްރެންޑްސް މޯލްޑިވްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 21 ލަނޑު ހެދި ކްރިޝްނާ ދާސް ދަސައިއަންއެވެ.

ޖަވާބުގައި އަހިންޝަކާސް ކުޅެން އަރައި އަށްވަނަ އޯވަރުގައި ވަނީ ތިން ކުޅުންތެރިން ނުބައިވެގެން 86 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 18 ބޯޅައިން 32 ލަނޑު އެއްކުރި ތަރަކަ ރުވާންއެވެ.

މީގެ އިތުރުން މި މުބާރާތުގެ ސެމީގެ ޖާގައެއް ވާމިލިޔަންއިން ހޯދީ އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި އެމްޓީސީސީ-ބީއާ ވާދަކޮށް 19 ލަނޑުން މޮޅުވެގެންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ވާމިލިޔަން ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިވެގެން ވަނީ 101 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 32 ލަނޑު ހެދި ރަނުކަ ޕެރޭރާއެވެ.

ޖަވާބުގައި އެމްޓީސީސީ-ބީ ކުޅެން އަރައި އަށްވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 18 ބޯޅައިން 35 ލަނޑު އެއްކުރި ކަސުން ޗަނުކައެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް ފަހު ދެ މެޗު ހޯމަ ދުވަހުގެ ހަވީރު ކުޅޭއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެވެ.