ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްދާ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގެ ސެމީ ފައިނަލަށް މޮލްޑިވްސް ސޮކަ މޭޓްސް އާއި އެންމެ ފަހުގެ ޗެމްޕިއަން ހުޅުމާލެ ވެޓެރަންސް ދަތުރުކޮށްފިއެވެ.
ސެމީގެ ޖާގައެއް އެމްއެސް މޭޓްސްއިން ހޯދީ އެފްއޭއެމް އެއް ނަންބަރު ޓާފް ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ބުރު ސްޕޯޓްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ބުރު ކޮޅަށް އެމްއެސް މޭޓްސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ކާމިޔާބުކުރީ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އައްސަދު އަބްދުލް ޣަނީއެވެ. އޭގެ ފަހުން މި މެޗުގައި އެމްއެސް މޭޓްސްއަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ.
މީގެ އިތުރުން ސެމީގެ ޖާގައެއް ހުޅުމާލެ ވެޓެރަންސްއިން ހޯދީ އެފްއޭއެމް ދެ ނަންބަރު ޓާފް ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޕޮލިސް ކުލަބު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހުޅުމާލެ ވެޓެރަންސްއިންނެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާޢީލް މުޙައްމަދު (އިއްސެ) އެވެ.
އަދި ދެވަނަ ހާފު ފަށައިގެން 11 ވަނަ މިނެޓުގައި ބަދަލަކަށް ކުޅެން އެރި ހުސެއިން ޝިމާޒް (ކޮކީ) ވަނީ ލަނޑެއް ޖަހައި، ހުޅުމާލެ ވެޓެރަނސްގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 55 ވަނަ މިނެޓުގައި މުޙައްމަދު ޒައީމް ވަނީ ލަނޑެއް ޖަހައި، ޕޮލިސް ކުލަބަށް ފަރަގު ކުޑަކޮށްދީފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ. އެ ގޮތުން އެއް ސެމީގައި ހުއްރިއްޔާ އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ ހުޅުމާލެ ވެޓެރަންސް އާއި އެމްއެސް މޭޓްސްއެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ.