ކުޅިވަރު

ވެސްޓް ހޭމާ އެއްވަރުވެ އާސެނަލުން ފުރުސަތު ނަގާލައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުވެ ތާވަލުގެ އެއްވަނައިގައި އުޅޭ އާސެނަލުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެމެދުގައިވާ ފަރަގު ބޮޑުކުރުމަށް ލިބިގެން ދިޔަ ފުރުސަތު ނަގާލައިފިއެވެ.

ވެސްޓް ހޭމުގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ނިމުނީ ދެ ލަނޑު ދެ ލަނޑުން ދެ ޓީމް އެއްވަރުވެގެންނެވެ.

އާސެނަލްއިން ވަރަށް ފޯރީގައި ފެށި މިމެޗްގެ ފުރަތަމަ 10 މިނެޓްގެ ތެރޭގައި ދެލަނޑު ކާމިޔާބު ކުރުމާއެކު މިމެޗުން ތަފާތު ބޮޑު ނަތީޖާއަކުން އާސެނަލް މޮޅުވެދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. ނަމަވެސް އެހާހިސާބުން މެޗްގެ އޮއެވަރު މަޑުމަޑުން ބަދަލުވެގެންދިޔައެވެ.

މިމެޗްގައި އާސެނަލްގެ ފުރަތަމަ ލަނޑު މެޗްގެ 7 ވަނަ މިނެތްގައި ޖަހާދިނީ ގެބްރިއެލް ޖޭސުސްއެވެ. އަދި އޭގެ ތިން މިނެޓްފަހުން އާސެނަލްގެ ދެވަނަ ލަނޑު ޖަހާދިނީ ކެޕްޓަން މާޓިން އޮޑެގާރޑްއެވެ. މިހާހިސާބުން އާސެނަލްއިން ކޮންމެވެސް ވަރަކަށް ހަމަޖެހިލުމުގެ ފައިދާ ނަގާ ވެސްޓް ހޭމްއިން މެޗްގެ ތެރެއަށް ވަދެ އެޓީމްގެ ކުޅުން ރަނގަޅު ކުރިއެވެ. ވެސްޓް ހޭމްއިން ކުރަމުންދިޔަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔައީ މެޗްގެ 33 ވަނަ މިނެޓްގައި ޕެނަލްޓީއެއް ލިބުމުންނެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދީ ވެސްޓް ހޭމްއަށް ފުރަތަމަ ލަނޑު ޖަހައިދިނީ ސައީދު ބެންރަހްމާއެވެ.

މިމެޗްގެ 52 ވަނަ މިނެޓްގައި އާސެނަލްއަށް އަނެއްކާވެސް ދެލަނޑުގެ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އާސެނަލްއަށް ލިބުނު ޕެނަލްޓީ ބުކާޔޯ ސާކާ ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. އޭގެ ނަތިޖާ އަކަށް ވެގެންދިޔައީ ދެ މިނެޓްފަހުން ވެސްޓް ހޭމްއިން އުފެއްދި ހަމަލާއެއްގާ ޖެރޮޑް ބޮވެން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. މިމެޗްގެ ބާކީ އޮތް ބައިގާ އާސެނަލްއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި އިރު، ވެސްޓް ހޭމްއިން ވެސް ވަނީ ލިބުނު ފުރުސަތު ތަކުގައި އާސެނަލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މިމެޗް އެއްވަރުވުމުން އާސެނަލްއަށް މިވަނީ ސިޓީ އާއި ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް އިތުރު ކުރަން ލިބިގެންދިޔަ ފުރުސަތު ނަގާލައިފައެވެ. އާސެނަލްއަށް މިހާރު 31 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ. އަދި ސިޓީއަށް 30 މެޗުން ލިބިފައިވަނީ 70 ޕޮއިންޓެވެ. އަދި މީގެ 10 ދުވަސް ފަހުން ސިޓީގެ ދަނޑުގައި މި ދެޓީމް ބައްދަލުކުރުމުގެ ކުރިން އާސެނަލް ލީގުގައި އިތުރު އެއް މެޗް ކުޅޭނެއެވެ. އެހެންކަމުން އެމެޗަށް ނިކުންނައިރު އާސެނަލް އާއި ސިޓީ އާއި ދެމެދުގައިވާ ފަރަގު 7 ޕޮއިންޓަށް އިތުރު ވެފައިވުމަކީ ގާތް ކަމެކެވެ. ނަމަވެސް އެއިރު ސިޓީއަށް ވުރެ އާސެނަލް ދެމެޗް އިތުރަށް ކުޅެފައިވާނެއެވެ.