އިނގިރޭސި ވިމެންސް އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި އެސްޓަން ވިލާ ބަލިކޮށް ފައިނަލުން ޗެލްސީ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ޗެލްސީ ޖާގަހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލުގައި އެއްލަނޑު ސުންލަނޑުން ވިލާ ބަލިކޮށްގެންނެވެ. އަދި މިކާމިޔާބީއާއެކު އެފް އޭ ކަޕްގެ ތަށި ތިންވަނަ ފަހަރަށް ޖެހިޖެހިގެން ކާމިޔާބު ކުރުމުގެ ފުރުސަތު ޗެލްސީއިން މިވަނީ ތަނަވަސްކޮށްފައެވެ.
މިމެޗްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އަދި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް މިމެޗްގައި ލިބިގެންދިޔަކަން ފާހަގަ ކޮށްލެވެއެވެ. މިމެޗްގައި ޗެލްސީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 59 ވަނަ މިނެޓްގައި ޖަހާދިނީ ސޭމް ކާރއެވެ. މިއީ އޭނާ މިސީޒަންގައި ޗެލްސީއަށް ކާމިޔާބުކޮށްދިން 24 ވަނަ ލަނޑެވެ. މިމެޗްގެ ފަހު ކޮޅުގެ ތެރޭގައި މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް ވިލާއިން ވަރަށް މަސައްކަތް ކުރިއެވެ. މިގޮތުން ވިލާގެ ސާރާ މޭލިންގ ފޮނުވާލި ހަމަލާއެއްވަނީ ޗެލްސީ ގޯލްގެ ދަނޑުއަށްވެސް އަމާޒުވެފައެވެ.
މިކާމީޔާބީއާއެކު ޗެލްސީ ވިމެންއިން އެފް އޭ ކަޕްގެ ފައިނަލުން ޖާގަ ހޯދާފައިވާއިރު މިއަންނަ މަހުގެ 14 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑް ވިމެން އާއެވެ. މިމުބާރާތުގެ ފައިނަލުން ޔުނައިޓެޑް ޖާގަހޯދީ މިދިޔަ ހޮނިހިރު ދުވަހު ބްރައިޓަން އެންޑް ހޯވް އެލްބިއަން ވިމެން އާއި ބައްދަލުކުރި ސެމީފައިނަލް ކާމިޔާބުކޮށްގެންނެވެ.