އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސްގެ ފުރަތަމަ ބުރުގައި އީސްޓަން ކޮންފަރެންސްގައި އެއްވަނައަށް ސީޑް ކުރެވިފައިވާ މިލްވައުކީ ބަކްސް ހައިރާންކޮށްލުމަށްފަހު ފުރަތަމަ މެޗު އަށްވަނައަށް ސީޑް ކުރެވިފައިވާ މައޭމީ ހީޓުން ކާމިޔާބުކޮށްފިއެވެ.
މިލްވައުކީގެ ފިސަރވް ފޯރަމުގައި ކުޅުނު މިމެޗް ހީޓުން ކާމިޔާބުކޮށްފައިވަނީ ހީކުރި ވަރަށްވުރެ ފަސޭހަ ކަމާއެކު 130 ޕޮއިންޓް 117 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ހީޓްގެ ޖިމީ ބަޓްލަރވަނީ 35 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 11 އެސިސްޓް ކޮށްފައެވެ. އަދި ބަކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 33 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ކްރިސްް މިޑްލްޓަންއެވެ. ހަތް މެޗްގެ ތެރެއިން އެންމެ ފުރަތަމަ ހަތަރު މެޗް ކާމިޔާބު ކުރާ ޓީމެއް ޕްލޭއޮފްގެ ދެވަނަ ބުރަށް ދާގޮތަށް ކުޅޭ މިމެޗްތަކުގެ ތެރެއިން މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު މިލްވައުކީގައެެވެ.
ވެސްޓަރން ކޮންފަރެންސްގެ ޕްލޭ އޮފްގެ ފުރަތަމަ ބުރުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ޑެންވަރ ނަގެޓްސް އާއި އަށްވަނައަށް ސީޑް ކުރެވިފައިވާ މިނެސޯޓާ ޓިމްބަރވުލްވްސް ބައްދަލުކުރިމެޗް 109 ޕޮއިންޓް 80 ޕޮއިންޓުން ކާމިޔާބުކުރީ ނަގެޓްސްއެވެ. ޑެންވަރގެ ބޯލް އެރީނާގައި ކުޅުނު މިމެޗްގައި ނަގެޓްސްގެ ޖަމާލް މަރީ ވަނީ 24 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ. އަދި ޓިމްބަރވުލްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 18 ޕޮއިންޓް ހޯދާދީ 2 ރީބައުންޑް ނަގާދީ 5 އެސިސްޓް ދިން އެންތަނީ އެޑްވާރޑްސްއެވެ.
މިކޮންފަރެންސްގައި ދެވަނައަށް ސީޑް ކުރެވިފައިވާ މެމްފިސް ގްރިޒްލީސް އާއި ހަތްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރި ޕްލޭ އޮފްގެ ފުރަތަމަ މެޗް 128 ޕޮއިންޓް 112 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. މެމްފިސްގެ ފެޑްއެކްސް ފޯރަމްގައި ކުޅުނު މިމެޗްގައި ލޭކަރސްގެ ލެބްރޮން ޖޭމްސް ވަނީ 21 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ. އަދި ގްރިޒްލީސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 4 އެސިސްޓް ދިން ޖެރެން ޖެކްސަން ޖޫނިއަރއެވެ. މިދެޓީމްގެ މެދުގައި ކުޅެވޭ ދެވަނަ މެޗް މިމަހުގެ 19 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ މެމްފިސްގައެވެ.
ވެސްޓަރން ކޮންފަރެންސްގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ފީނިކްސް ސަންސް އާއި ފަސްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރި ފުރަތަމަ މެޗް 115 ޕޮއިންޓް 110 ޕޮއިންޓުން ކާމިޔާބުކުރީ ކްލިޕަރސްއެވެ. ފީނިކްސްގެ ފުޓްޕްރިންޓް ސެންޓަރގައި ކުޅުނު މިމެޗްގައި ކްލިޕަރސްގެ ކައުހީ ލިއޮނާޑްވަނީ 38 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 5 އެސިސްޓް ދީފައެވެ. އަދި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 27 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 11 އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ. މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު ފީނިކްސްގައެވެ.