މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުޑަކުދިންނާއި އަންހެނުންނަށް ފަރުވާދިނުމަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި އިތުރު ސެންޓަރެއް ޤާއިމްކުރުމަށް ނެޝަނަލް ޑްރަގް އެޖެންސީން ބިމެއް ގަނެފިއެވެ.
އެންޑީއޭއިން 10000 އަކަފޫޓުގެ ބިމެއް ގަނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެން.ޑީ.އޭގެ ބޯޑުގެ ޗެއަރމަން އަދި މިނިސްޓަރ އޮފް ހެލްތުގެ ނާއިބު ޝަމާޢު ޝަރީފް ވިދާޅުވީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ކުދިންނަށް ފަރުވާދިނުމަށްޓަކައި އިތުރު ސެންޓަރެއް ހެދުމަށް ޕްލޭންކޮށްފައި އޮތްކަމަށެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ދޭންޖެހޭ ފަރުވާ ރަނގަޅުކުރަންޖެހޭކަން ފާހަގަކުރައްވައި ޝަމާޢު ވިދާޅުވީ އެބިމުގައި އެންމެ ޒަމާނީ ފެންވަރު ވެލްނެސް ސެންޓަރެއް ޢިމާރާތްކުރަން ނިންމައި ކޮންސެޕްޓް މިހާރު ފައިނަލް ކޮށްފައިވާކަމަށެވެ.
ޝަމާޢު ވިދާޅުވީ މި ޢިމާރާތުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނއިގެން ފެށޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ.
"މި ތަނުގައި އަޅުގަނޑުމެން ބޮޑަށް އިސްކަންދޭނީ މަސްތުގެ ޕްރިވެންޝަންއަށް. އޭރުން ހާލަތު ގޯސް ނުވަނީސް ރަނގަޅު ފަރުވާއާ ދިމާއަށް ގެންދެވޭނެ. ވެލްނެސް ޕްރޮމޯޓް ކުރުމަށްޓަކައި މިތަން ތަރައްޤީ މިކުރަނި. ވަރަށްބޮޑަށް ޕްރިވެންޝަންގެ މަސައްކަތްތައް ކުރިއަށްދާނެ." ޝަމާއު ވިދާޅުވިއެވެ.
މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ރާއްޖޭގައި ގާތްގަނޑަކަށް 30 އަހަރުވަންދެން ޚިދުމަތް ދެމުން އައީ 200 އެއްހާ ޑޯޒްގެ ބޭހުގައެވެ. އެހެންނަމަވެސް ރާއްޖޭގައި މި މައްސަލަ އޮތް ނިސްބަތުން ބޭސް އިތުރުކުރަންޖެހޭކަން ޤަބޫލުކޮށް މިވޭތުވެދިޔަ 4 އަހަރު ކުރެވުނު މަސައްކަތުން ރާއްޖެއަށް ޚާއްޞަކޮށް އުފައްދާ ބޭހުގެ ނިސްބަތް 2000 ޑޯޒަށް އިތުރުކުރެވިފައިވާކަން އެންޑީއޭއިން ފާހަގުރެއެވެ.
މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް އެން.ޑީ.އޭގެ 11 މަރުކަޒެއްގައި ފަރުވާ އަންނަނީ ދެމުންނެވެ. މިގޮތުން މައި މަރުކަޒުގެ ގޮތުގައި ހިންމަފުށީގައި ޚިދުމަތްދެމުން އަންނަ މަރުކަޒަކީ 172 މީހުންގެ ޖާގައިގެ މަރުކަޒެކެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫގައި ޤާއިމުކޮށްފައިވާ މަރުކަޒުގައި 60 މީހުންނަށް ފަރުވާދެވޭނެއެވެ.
ފަރުވާގެ ނިޒާމަށް ގެނެވުނު ބަދަލާއެކު މަސްތުވާތަކެތިން ސަލާމަތްވުމަށް އެދޭ ކޮންމެ މީހަކަށްމެ އެ ފުރުޞަތު އޮތްކަން އެން.ޑީ.އޭއިން ފާހަގަކުރައްވައެވެ. އެގޮތުން މިއީ އަމިއްލައަށް އެދިގެން ހޯދަންޖެހޭ ފަރުވާއަކަށްވުމުން އަމިއްލަ ގޭގައި ހުރެގެންވެސް އެން.ޑީ.އޭގެ އެހީތެރިކަމާއެކު ފަރުވާ ހޯދޭނެ މަގު މިހާރު ފަހިވެފައިވާކަން އެން.ޑީ.އޭއިން ފާހަގަކުރައްވައެވެ.