ޚަބަރު

މިއަދުން ފެށިގެން ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް


ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް މިއަދުން ފެށިގެން 2 ރުފިޔާ ނަގަން ފަށާނެއެވެ.

ކަސްޓަމަރުންގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލަށް ގެނައި އިސްލާޙު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތަސްދީޤު ކުރެއްވީ 18 ޑިސެމްބަރ 2022 ގައެވެ.

މޯލްޑިވްސް އިންލޭޑް ރެވެނިއު އޮތޯރިޓީއިން ވިދާޅުވީ، ޕްލާސްޓިކް ކޮތަޅު ބޮނޑިއެއް ވިއްކި ނަމަވެސް ނުވަތަ ހިލޭ ދިން ނަމަވެސް، އެ ކޮތަޅު ބޮނޑީގައި ހިމެނޭ ކޮންމެ ކޮތަޅަކަށް -/2 ރުފިޔާގެ ރޭޓުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެކަމަށެވެ. އަދި ޕްލާސްޓިކް ކޮތަޅު ބޮނޑި ވިއްކާ ފަރާތަކީ ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްނަމަ، އޭގެ އަގުން ޖީ.އެސް.ޓީވެސް ނަގަންވާނެކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަން ނުޖެހޭ ކޮތަޅަކުން ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ޢަދަދެއް ނަގައިގެންނުވާނެކަމަށް މީރާއިން ވިދާޅުވެއެވެ. އަދި ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ޢަދަދެއް ނަގައިގެންނުވާނެކަމަށާއި، އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވިޔަފާރި ހަރަކާތް ހިންގާ ފަރާތުން އެ ޢަދަދު އަނބުރައި ކަސްޓަމަރަށް ރައްދުކުރަން ޖެހެއެވެ.

އެފަދަ ޢަދަދެއް ނެގުނު ޓެކްސް ނެގޭ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅާއިރު، އެ ޢަދަދު ރައްދުކޮށްފައިނުވާނަމަ، އެ މުއްދަތުގެ ޖީ.އެސް.ޓީ ބަޔާނުގައި ހިމަނައިގެން، ވިޔަފާރި ހަރަކާތުން މީރާއަށް އެ ޢަދަދު ދައްކާ އަދި މީރާއަށް އެ އަދަދު ދައްކާފައިވީ ނަމަވެސް، ކަސްޓަމަރަށް އެ ޢަދަދު އަނބުރާ ރައްދުކުރަންވާނެކަމަށްވެސް މީރާގެ ޕްލާސްޓިކް ގައިޑްލައިންގައި ބަޔާންކޮށްފައިވެއެވެ.

ރަޖިސްޓަރީކޮށްފައިވާ ފަރާތަކުން ނަގާ ޕްލާސްޓިކް ކޮތަޅުގެ ފީގެ މަޢުލޫމާތު، އެ ފަރާތުން މީރާއަށް ހުށަނޭޅުމަކީ ކުށެކެވެ. އަދި އެކުށުގެ މަދަނީ އަދަބަކީ، ފީ ނެގޭ މުއްދަތުގައި ދައްކަންޖެހޭ ފީގެ ޢަދަދުގެ %5.0 އިން ޖޫރިމަނާކުރުމާއި، މަޢުލޫމާތު ފޯރުކޮށް ނުދީ ހިނގާ ކޮންމެ ދުވަހަކަށް -/50 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ކަމަށް މީރާއިން ވިދާޅުވެއެވެ.

މުދަލެއް ވިއްކުމަށް ކޮންމެހެން ބޭނުންވާ ފެންވަރަށް އެ މުދަލެއް ބަންދުކުރުމަށް، އެ މުދާ އުފައްދާ ފަރާތުން ބޭނުންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން، ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާކަށް ނުޖެހޭނެއެވެ. އޭގެ ތެރޭގައި ޒިޕްލޮކް ބޭގް، ޕާން، ބަނަސް ފަދަ ތަކެތި ބަންދުކޮށްފައި ހުންނަން ޕްލާސްޓިކް ކޮތަޅު، ޖޫސްޕެޓީ ކޮތަޅު ހިމެނެއެވެ.

މީގެ އިތުރުން ފަތް، މަސްމިރުސް ފަދަ ބާވަތްތައް ޕެކްކޮށްފައި ހުންނަ ޕްލާސްޓިކް ކޮތަޅު، ތާޒާ މަސް ވިއްކާއިރު އެ މަސް އަޅާފައި ދޭ ނުވަތަ އެ މަސް އަޅާފައި ވިއްކާ ޕްލާސްޓިކް ކޮތަޅު، ބިންލައިނަރއިން ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.

މީގެ އިތުރަށް މުދަލެއް ވިއްކުމަށް ފީ ނަގާނެ ޕްލާސްޓިކް ކޮތަޅަކީ ފްރޯޒަން ފިޝް ނުވަތަ ގަނޑުކުރި މަސް ވިއްކާއިރު، އެފަދަ މަސް އެޅުމަށް ނުވަތަ އަޅާފައި ދޭ ނުވަތަ ވިއްކާ ޕްލާސްޓިކް ކޮތަޅު، ޒީނަތްތެރިކުރުމުގެ ގޮތުން ގެންގުޅޭ މަސް ނުވަތަ ޕެޓް ފިޝް ގަންނައިރު އެ މަސް ޕްލާސްޓިކް ކޮތަޅަކަށް އަޅައިފައި ދޭ ކޮތަޅު، ކުކުޅު ވިއްކާއިރު ޕްލާސްޓިކް ކޮތަޅަކަށް އަޅާފައި ވިއްކާނަމަ ފީ ނަގާނެއެވެ.

ވިޔަފާރިއަކުން ޕްރޮމޯޝަނަލް އިވެންޓެއްގައި، އެ ތަނުން މުދާ ގަނެވިއްކާނަމަ، ޕްލާސްޓިކް ކޮތަޅެއް ހިލޭ ފޯރުކޮށްދިން ކަމުގައިވިޔަސް އެ ކޮތަޅުން ޕްލާސްޓިކް ކޮތަޅުގެ ފީ ނަގާނެއެވެ. ހަނޑޫ، ހަކުރު އަދި ފުށް ފަދަ ތަކެތި އަޅައިފައި ކަސްޓަމަރަށް ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުންވެސް ޕްލާސްޓިކް ކޮތަޅުގެ ފީ ނަގަންވާނެކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި އެ ފަރާތުން ނަގާ އަދަދު ޖީ.އެސް.ޓީ ބަޔާނުގައި ހިމަނާނީ ދިވެހި ރުފިޔާއިކަމަށް މީރާއިން ވަނީ ފާހަގަކޮށްފައެވެ. އަދި މީރާއަށް އެ ފައިސާ ދައްކަންވާނީވެސް ދިވެހި ރުފިޔާއިއްނެއެވެ.

ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ޤައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ.