ކުޅިވަރު

ސެވަންޓީ ސިކްސާސްއިން ބްރޫކްލިން ނެޓްސްގެ މައްޗަށް ދެ މެޗުގެ ލީޑެއް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސްގެ ފުރަތަމަ ބުރުގައި އީސްޓަން ކޮންފަރެންސްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއިން ބްރޫކްލިން ނެޓްސްގެ މައްޗަށް ދެ މެޗުގެ ލީޑެއް ނަގައިފިއެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ދެވަނަ މެޗް ސިކްސަރސް ކާމިޔާބުކުރީ 96 ޕޮއިންޓް 84 ޕޮއިންޓުންނެވެ.

ފިލަޑެލްފިއާގެ ވެލްސް ފާގޯ ސެންޓަރުގައި ކުޅުނު މިމެޗްގައި ސިކްސަރސްގެ ޖޮއެލް އެމްބިޑް ވަނީ 20 ޕޮއިންޓް ހޯދާދީ 19 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ނެޓްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 21 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 7 އެސިސްޓް ދިން މިކާލް ބްރިޖެސްއެވެ. ހަތް މެޗްގެ ތެރެއިން އެންމެ ފުރަތަމަ ހަތަރު މެޗް ކާމިޔާބު ކުރާ ޓީމެއް ޕްލޭ އޮފްގެ ދެވަނަ ބުރަށް ދާގޮތަށް ކުޅޭ މިމެޗްތަކުގެ ތެރެއިން މިދެޓީމްގެ މެދުގައި ކުޅޭ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ބްރޫކްލިންގެ ބާރކްލޭސް ސެންޓަރގައެވެ.

ވެސްޓަރން ކޮންފަރެންސްގެ ޕްލޭ އޮފްގެ ފުރަތަމަ ބުރުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސެކްރެމެންޓޯ ކިންގްސް އާއި ހަވަނައަށް ސީޑް ކުރެވިފައިވާ އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރި ދެވަނަ މެޗްވެސް ކާމިޔާބުކުރީ ކިންގްސްއެވެ.

ސެކްރެމެންޓޯގެ ގޯލްޑަން ވަން ސެންޓަރުގައި ކުޅުނު މިމެޗް ކިންގްސް ކާމިޔާބުކުރީ 114 ޕޮއިންޓް 106 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ކިންގްސްގެ ޑި އާރޮން ފޮކްސް ވަނީ 24 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ވޮރިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ސްޓެފަން ކަރީއެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ސެން ފްރެންސިސްކޯގެ ޗޭސް ސެންޓަރުގައެވެ.