ކުޅިވަރު

އެންޓެޓޮކޮއުމްޕޯއަށް އަނިޔާވެ ބަކްސްގެ ދެވަނަ މެޗުން ފެނުމާމެދު ސުވާލު އުފެދިފައި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސްގައި އީސްޓަން ކޮންފަރެންސްގައި އެއްވަނައަށް ސީޑް ކުރެވިފައިވާ މިލްވައުކީ ބަކްސްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާ ޖިއާނިސް އެންޓެޓޮކޮއުމްޕޯއަށް ފުރަތަމަ މެޗުގައި އަނިޔާވެއްޖެއެވެ.

ޕްލޭއޮފްގައި މައޭމީ ހީޓް އާއި ކުޅެ ބަލިވި މެޗްގެ ފުރަތަމަ ކުއާޓަރގައި ޖިއާނިސްއަށް އަނިޔާވީ ޕޮޓެއް އެޅުމަށް މައްޗަށް އަރާ އޮތް ވަގުތު ހީޓްގެ ކެވިން ލަވް ފައުލްކުރުމުންނެވެ.

މިކަމުގެ ސަބަބުން ތިރިވި ވަގުތު އޭނާގެ އުނަގަނޑަށްވަނީ އަނިޔާވެފައެވެ. ބަކްސްގެ ކޯޗް މައިކް ބުޑެން ހޯލްޒާ ހާމަކުރިގޮތުގައި ޖިއާނިސް ވަނީ އަނިޔާގެ ތަފްސީލު ހޯދުމަށް އެމްއާރްއައިއެއް ހަދާފައެވެ. އަދި އޭގެން މާބޮޑު އަނިޔާއެއް ކަމަށް ނުދެއްކި ނަމަވެސް، މިރޭ ކުޅޭ ދެވަނަ މެޗްގައި ކުޅެވޭނެކަން އެނގިގެންދާނީ ފަހު ވަގުތު އިތުރަށް ބެލުމަށްފަހު ކަމަށްވެސް ބުންޏެވެ. އަދި މިވަގުތު ޖިއާނިސް އަންނަނީ ލިބިފައިވާ އަނިޔާއަށް ފަރުވާ ހޯދާ އަރާމު ކުރަމުން ކަމަށްވެސް އޭނާ ހާމަކުރިއެވެ.

މިއަނިޔާ އާއެކު ޖިއާނިސްއާ ނުލާ ބަކްސްވަނީ ފުރަތަމަ މެޗްގައި ކޮންފަރެންސްގައި އަށްވަނައަށް ސީޑް ކުރެވިފައިވާ ހީޓް އަތުން އަމިއްލަ ކޯޓްގައި 130 ޕޮއިންޓް 117 ޕޮއިންޓުން ބަލިވެފައެވެ.

ޖިއާނިސްގެ އިތުރުން މެމްފިސް ގްރިޒްލީސްގެ ޖާ މޮރާންޓަށްވެސް ވަނީ އެޓިމް ޕްލޭއޮފްގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާވެފައެވެ. އެހެންކަމުން އޭނާއަށްވެސް ދެވަނަ މެޗްގައި ކުޅެވޭނެ ކަމާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ. ގްރިޒްލީސް ފުރަތަމަ މެޗްގައި ލޮސް އެންޖަލިސް ލޭކަރސް އަތުން ބަލިވީ 128 ޕޮއިންޓް 112 ޕޮއިންޓުންނެވެ.