ކުޅިވަރު

ގައުމީ ޓީޓީ ޓީމުގެ ބައެއް ކުޅުންތެރިން ތަމްރީނުތަކަށް ކްރޮއޭޝިއާއަށް


މި އަހަރުގެ އޯގަސްޓް މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓޭބަލް ޓެނިސް ޓީމުގެ ބައެއް ކުޅުންތެރިން އިތުރު ތަމްރީނުތަކަށް ކްރޮއޭޝިއާއަށް ފުރައިފިއެވެ.

ގޭމްސްއަށްއަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓޭބަލްޓެނިސް ޓީމުން ވަނީ ދާދިފަހުން ޓޭބަލް ޓެނިހުގައި ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާގެ ހުނާން ޕްރޮވިންސްގެ ކޯޗަކާ މާލޭގައި ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ.

ގައުމީ ޓީމްގެ ގިނަ ކުޅުންތެރިންތަކެއް ސަރުކާރުގެ "އަރުތަ" ޕްރޮގްރާމްގެ ތެރޭގައި ހިމެނޭއިރު، އެންމެ ސީނިއާ ދެ ކުޅުންތެރިންނަށް ބޭންކް އޮފް މޯލްޑިވްސްގެ (ބީއެމްއެލް) ސްކޮލަޝިޕްގެ ދަށުން ވެސް ވަނީ ފުރުސަތު ލިބިފައެވެ. ކްރޮއޭޝިއާއަށް ދިޔަ ކުޅުންތެރިން ވެސް ހަރަދުތައް ބަހަލައްޓާނީ މި ދެ ޕްރޮގްރާމްގެ ދަށުންނެވެ.

ކްރޮއޭޝިއާގެ އިތުރުން އިންޑިއާގެ އެންމެ މަތީ ފަންތީގެ އެކަޑެމީއެއްގައި ވެސް ރާއްޖޭގެ ޤައުމީ ޓީޓީ ޓީމުގެ ބައެއް ކުޅުންތެރިން ތަމްރީން ހަދާނެ ކަމަށް ވެސް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ޤައުމީ ޓީޓީ ޓީމުން ދަނީ އައިއޯއައިޖީއަށް ގިނަ ތައްޔާރީތަކެއް ވަމުންނެވެ. މި ތަމްރީނުތަކާއެކު ޓީމު މި ގޭމްސްއަށް ރަނގަޅަށް ތައްޔާރުވެވޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށްވެސް ޓޭބަލްޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އުއްމީދުކުރެއެވެ.