ޚަބަރު

ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ


މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ހަމަޖައްސައިފިއެވެ.

އެމްއެމްސީން ކުރިއަށްގެންދާ ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމަކީ އަލަށް އިންތިޚާބުވި ކައުންސިލުން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ސްކޫލް ދަރިވަރުން ނޫސްވެރިކަމުގެ ދާއިރާއަށް ޝައުގުވެރިކަން އުފައްދާ އެދާއިރާއަށް ދަރިވަރުން ނެރުމަށް ހިންގާ ޕްރޮގްރާމެކެވެ.

ސްޓޫޑަންޓް ޖާނަލިޒަމް ޕްރޮގްރާމްގެ ޕްލެޓިނަމް ސްޕޮންސަރާއެކު ސޮއކުރުމަށް އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އަބްދުالله މުހައްމަދެވެ. އެމްއެމްސީގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަޙްމަދު މުޞްޠަފާއެވެ.

އެމްއެމްސީގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވީ, އެސްޓީއޯއަކީ މީހުން ބިނާކުރުމަށް އެމްއެމްސީން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ސްޕޮންސަރަކަށް ހަމަޖެއްސި ފުރަތަމަ ކުންފުނި ކަމަށެވެ. އެކަމަށްޓަކައި އެސްޓީއޯގެ އިސްވެރިންނަށް މުސްތަފާވަނީ ޝުކުރު އަދާކުރެއްވާފައެވެ.

މިއަހަރުގެ ޖެނުއަރީ މަހު ފެށި އެޕްރޮގްރާމް މިހާތަނަށް ދެ ސްކޫލެއްގައި ހިންގައި, 50 އަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީނުކޮށްފައެވެ. އަދި އަންނަ ޖޫން މަހުގެ ތެރޭގައި ހއ. އަދި ހދ. އަތޮޅުގެ ސްކޫލްތަކަށް މިޕްރޮގްރާމް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިޕްރޮގްރާމްގައި ޓްރެއިނަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އުޅެ ތަޖުރިބާ ލިބިފައިވާ އަދި އެ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްގެން ތިއްބެވި ސީނިއާ ބޭފުޅުންނެވެ.