ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ފައިނަލަށް ފަތަހަ ސްޓާސް އާއި ވަރަކަޕޯލާ ދަތުރުކޮށްފިއެވެ.
ސެމީގެ ޖާގައެއް ފަތަހަ ސްޓާސްއިން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާމިލިޔަންއާ ވާދަކޮށް ހަ ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ފަތަހަ ސްޓާސް ނިންމީ ހޮވުމަށެވެ. އެއާއެކު ވާމިލިޔަން އެންމެ ފުރަތަމަ ކުޅެން އަރައި 7.5 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 43 ލަނޑު ހެދި އަރުލް ޕްރަގާޝްއެވެ.
ޖަވާބުގައި ފަތަހަ ސްޓާސް ކުޅެން އަރައި 5.1 އޯވަރުގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 91 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 14 ބޯޅައިން 36 ލަނޑު އެއްކުރި ސައިދުލް އިސްލާމެވެ.
މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ވަރަކަޕޯލާއިން ހޯދީ އަންގާރަ ދުވަހުގެ ހަވީރު ކުޅުނު ސެމީ ފައިނަލް ފަހު މެޗުގައި އަހިންޝަކާސްއާ ވާދަކޮށް ފަސް ވިކެޓުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވަރަކަޕޯލާ ނިންމީ ހޮވުމަށެވެ. އެއާއެކު އަހިންޝަކާސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ 102 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އަށް ބޯޅައިން 19 ލަނޑު ހެދި ތަރަކަ ރުވާންއެވެ.
ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި 5.3 އޯވަރުގައި ވަނީ ދެ ކުޅުންތެރިމް ނުބައިވެގެން 103 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 11 ބޯޅައިން 34 ލަނޑު ހެދި ޗަންދަނަ އާއި ނުބައިނުވެ 12 ބޯޅައިން 34 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމެވެ.
މި މުބާރާތުގެ ފައިނަލުގައި ފަތަހަ ސްޓާސް އާއި ވަރަކަޕޯލާ ބައްދަލުކުރާއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހަވީރެވެ.