ޚަބަރު

މުލިއާގޭ ކައިރީ ގޮވާއެއްޗެއް ބޭއްވި މައްސަލައިގެ ޝަރީއަތް


މުލީއާގޭގައި ކައިރީގައި ގޮވާ އެއްޗެއް ބޭއްވި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރައްވައިގެން ކުރިޔަށް ގެންދެވުމަށް ކުރިމިނަލް ކޯޓުން ނިންމަވައިފިއެވެ.

ގޮވާ އެއްޗެއް މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ ތެރޭގައި މުލީއާގޭ ކައިރީގައި ބޭއްވި މައްސަލާގައި ދައުލަތުން ދަޢުވާ އުފުއްލަވާފައިވަނީ ހއ. ހޯރަފުށި އާރޯ އަޙުމަދު މަމްދޫހާއި ތ. ތިމަރަފުށި ވިލާ ޒީހާން މުޙައްމަދާއި މ. ހީރޯ މުޙައްމަދު ޢުބައިދު އިބްރާހީމާއި ހ. މިޓާޒް ޠަލްޢަތު މުޙައްމަދުގެ މައްޗަށެވެ.

މި ހަތަރު މީހުންގެ ތެރެއިން އަޙްމަދު މަމްދޫހްގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުމުގެ ކުށުގެ ދަޢުވާއެވެ. ބާކީ ތިބި ތިން މީހުންގެ މައްޗަށް އުފުއްލަވާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއްގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.މި ތިން މީހުންގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުވާގައި ވަނީ މި މީހުންގެ ބައިވެރިވެގެން އައިއީޑީއެއް ހަދައި މުލީއާގެ ކައިރީގައި އޮންނަ ނޫރާނީ ގޯޅީގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ބެޓެރިމަތީގައި ބާއްވާފައިވާކަމަށެވެ.

މި މައްސަލައިގެ އަޑުއެހުން މިއަދު ބޭއްވެވިއިރު މި މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރެއްވީ ޕީޖީ އޮފީހުން އެދިވަޑައިގެންކަމަށް ކުރިމިނަލް ކޯޓުން ވިދާޅުވެއެވެ. މި މައްސަލާގައި ދައުލަތުން އުފުއްލެވި ދަޢުވާއަށް މި ހަތަރު މީހުންވެސް އިންކާރުކޮށް ވަކީލަކު ޢައްޔަންކުރުމުގެ ފުރުޞަތަކަށް މިއަދު އެދިފައިވެއެވެ.