އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސްގެ ފުރަތަމަ ބުރުގައި އީސްޓަން ކޮންފަރެންސްގައި ދެވަނައަށް ސީޑް ކުރެވިފައިވާ ބޮސްޓަން ސެލްޓިކްސްއިން ހަތްވަނައަށް ސީޑް ކުރެވިފައިވާ އެޓްލާންޓާ ހޯކްސްގެ މައްޗަށް ދެ މެޗުގެ ލީޑެއް ނަގައިފިއެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ދެވަނަ މެޗް ސެލްޓިކްސް ކާމިޔާބުކުރީ 119 ޕޮއިންޓް 106 ޕޮއިންޓުންނެވެ.
ބޮސްޓަންގެ ޓީޑީ ގާޑެންގައި ކުޅުނު މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 29 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާދީ 6 އެސިސްޓް ކޮށްފައެވެ. އަދި ހޯކްސްއަށް މިމެޗްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 29 ޕޮއިންޓް ހޯދާދީ 6 ރީބައުންޑް ނަގާދީ 6 އެސިސްޓް ދިން ޑިޖޫންޓޭ މަރީއެވެ. ހަތް މެޗްގެ ތެރެއިން އެންމެ ފުރަތަމަ ހަތަރު މެޗް ކާމިޔާބު ކުރާ ޓީމެއް ޕްލޭ އޮފްގެ ދެވަނަ ބުރަށް ދާގޮތަށް ކުޅޭ މިމެޗްތަކުގެ ތެރެއިން މިދެޓީމްގެ މެދުގައި ކުޅޭ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެޓްލާންޓާގެ ސްޓޭޓް ފާރމް އެރީނާގައެވެ.
މިކޮންފަރެންސްގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ކްލީވްލަންޑް ކެވެލިއަރސް އާއި ފަސްވަނައަށް ސީޑް ކުރެވިފައިވާ ނިއުޔޯކް ނިކްސްގެ މެދުގައި ކުޅުނު ދެވަނަ މެޗް ކެވެލިއަރސް ކާމިޔާބުކޮށް މިސީރީޒް އެއްމެޗް އެއްމެޗުން އެއްވަރު ކޮށްފިއެވެ. ކްލީވްލަންޑްގެ ރޮކެޓް މޯގޭޖް ފީލްޑްހައުސްގައި ކުޅުނު މިމެޗް ކެވެލިއަރސް ކާމިޔާބުކުރީ 107 ޕޮއިންޓް 90 ޕޮއިންޓުންނެވެ. މިމެޗްގައި ކެވެލިއަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދާދީ 3 ރޫބައުންޑް ނަގާދީ 7 އެސިސްޓް ދިން ޑާރިއަސް ގާލަންޑްއެވެ. އަދި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ އެއް އެސިސްޓް ދިން ޖޫލިއަސް ރެންޑްލްއެެވެ. މިދެޓީމްގެ މެދުގައި ކުޅޭ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ނިއުޔޯކްގެ މެޑިސަން ސްކުއެއަރ ގާޑެންގައެވެ.
ވެސްޓަރން ކޮންފަރެންސްގެ ޕްލޭ އޮފްގެ ފުރަތަމަ ބުރުގައި ހަތަރު ވަނައަށް ސީޑް ކުރެވިފައިވާ ފީނިކްސް ސަންސް އާއި ފަސްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ކްލިޕަރސް ބައްދަލުކުރި ދެވަނަ މެޗް ސަންސްއިން ކާމިޔާބުކޮށް މިސީރީޒް އެއްމެޗް އެއްމެޗުން އެއްވަރުކޮށްފިއެވެ. ފީނިކްސްގެ ފުޓްޕްރިންޓްސެންޓަރގައި ކުޅުނު މިމެޗް ސަންސް ކާމިޔާބުކުރީ 123 ޕޮއިންޓް 109 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސަންސްގެ ޑެވިން ބޫކަރވަނީ 38 ޕޮއިންޓް ހޯދާދީ އެއް ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ކްލިޕަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 31 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 7 އެސިސްޓް ދިން ކައުހީ ލިއޮނާރޑްއެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރީނާގައެވެ.