ރަމަޟާންމަހުގެ 25 ވަނަ ދުވަހާ ހަމައަށް ފިޠުރު ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ޢާންކުރައްވައިފައިވާ ތަފާސްހިސާބަށް ބަލާއިރު ފާއިތުވި 3 އަހަރުގެ ނިޞްބަތުން މިއަހަރުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު އިތުރެވެ. އެގޮތުން މި ރަމަޟާން މަހުގެ 25 ވަނަ ދުވަހާ ހަމައަށް ޒަކާތުގެ ގޮތުގައި 6.1 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
1441 ވަނަ އަހަރުގެ ރަމަޟާންމަހުގެ މި މުއްދަތުގައި ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.9 މިލިޔަން ރުފިޔާއެވެ. 1442 ވަނަ އަހަރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5.3 މިލިޔަން ރުފިޔާއެވެ. އަދި 1443 ވަނަ އަހަރު ޒަކާތުގެ ގޮތުގައި 5.9 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.
ވޭތުވެދިޔަ 03 އަހަރާއި (1441، 1442 އަދި 1443) މި އަހަރު (1444) ގެ ރަމަޟާންމަހުގެ ފުރަތަމަ 25 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތަފާސްހިސާބު pic.twitter.com/Ea3IA9BnP6
— Ministry of Islamic Affairs (@MVIaffairs) April 19, 2023
އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނަވަން ފަށްޓްވައިފައި ވަނީ ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގައެވެ. އޮންލައިންކޮށް ޒަކާތް ބަލައިގަތުން މިހާރު ވަނީ މެދުކަނޑުއްވައިލައްވައިފައެވެ. އަދި އިސްލާމިކް މިނިސްޓްރީން ވަނީ ގޮވާމުން ޒަކާތް ބަހަން ފަށާފައެވެ.
ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅައަޅުއްވައިފައިވާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން، އެބަޔަކު ޢާއްމުކޮށް ކައިއުޅޭ ބާވަތަކުން 2.4 ކިލޯއަށްވާ ފައިސާއިންނެވެ.
ފިޠުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންނެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވެއެވެ.