ޚަބަރު

"ރަސްމާލެ މަޝްރޫޢުގެ ހަޤީގަތް އޮޅުވާލަނީ ސިޔާސީ ބޭނުމަށް"


  • މިއީ 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް

  • މަޝްރޫޢުއާމެދު ދައްކަނީ ދޮގު ވާހަކަކަމަށް ސަފީރު ވިދާޅުވި

ރަސްމާލޭގައި ހިންގާ މަޝްރޫޢުގެ ހަޤީގަތް އޮޅުވާލަނީ ސިޔާސީ މަޤްސަދެއްގައިކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖެއަށް އަންނަމުންދާ ކުރިއެރުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ އެޓް ރަސްމާލެ" މަޝްރޫޢުގެ ހަޤީގަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރަމުންދާކަމަށެވެ. ޢަދި އެއީ ރާއްޖެއަށް ނުރައްކާތެރި މަސައްކަތެއްކަމަށް ދައްކަން ބައެއް ފަރާތްތަކުން މަސައްކަތްކުރަނީ ނުރަނގަޅު މަޤްސަދެއްގައިކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ބައެއް ސިޔާސީ ފަރާތްތަކުން އެ މަޝްރޫޢު ރަސްމާލެ ނޫން އެހެން ސަރަަހައްދެއްގައި ހިންގުން މާ ރަނގަޅުކަމަށް ބުނެ ވާހަކަދައްކަވަމުންދާ ކަމަށާ، އެ ވާހަކަތަކަށް ބެލުމުން އެ މަޝްރޫޢުގައި މައްސަލައެއް ނެތްކަން ޙުދު އެ ބޭފުޅުންވެސް ޤަބޫލުކުރައްވާކަން ހާމަވާކަމަށް ސަފީރު މަޙްލޫފް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢަކީ ރާއްޖެއަށް ފައިދާ ނުވާނެ މަޝްރޫޢުއެއް ކަމަށް ވަކާލާތުކުރާ ފަރާތްތަކަށް އެ ބޭފުޅުން ދައްކަވާ ވާހަކަތަށް ބާރުދޭނެ ހުއްޖަތުތަކެއް ނުދެއްކޭކަމަށްވެސް ސަފީރު ވަނީ ވިދާޅުވެފައެވެ.

"މުސްލިމުން ކުރާކަމެއް އެބަ ގުޅުވާ ޔަހޫދީންނާ. މިއީ ވަރަށް ދެރަ ކަމެއް. އެއްވެސް ހަޤީގަތެއް ނެތް ވާހަކައެއް" ސަފީރު އަހުމަދު މަޙްލޫފު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢުއަކީ މުޅި ރާއްޖެއަށް އޭގެ ފައިދާ ކުރާނެކަމެއްކަމަށް ސަފީރު ފާހަގަކުރެއްވިއެވެ. އެ މަޝްރޫޢުގެ ފައިދާކުރާނީ އާއްމު ރައްޔިތުންނަށްކަމަށާ، އެތަނުގައި 50،000އެއްހާ އައު ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެކަމަށް ސަފީރު ވިދާޅުވިއެވެ. މީގެއިތުރުން އެ މަޝްރޫޢުގެ ފައިދާ ދިވެހި ކުންފުނިތަކަށް ވެސް ލިބޭނެކަމަށް ސަފީރު ވިދާޅުވިއެވެ. އެ މަޝްރޫޢުއަށް އެންމެންގެ އެއްބާރުލުން މުހިންމުކަމަށް ސަފީރު ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ރައީސަށް އިތުރު ދައުރެއް ލިބެން ވަަރަށް ބޮޑަށް މަގުފަހިވާނެ. އެއީ ވެގެން އުޅޭ ގޮތަކީ." ސަފީރު އަހުމަދު މަޙްލޫފު ވިދާޅުވިއެވެ.

ރަސްމާލޭގައި 20 ބިލިޔަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްޤީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މި މަހުގެ 21ވަނަ ދުވަހުއެވެ. މިމަޝްރޫޢުގެ ދަށުން 500 ހެކްޓަރުގެ ސަރަހައްދު އީގަލް ހިލްސްއިން ތަރައްޤީ ކުރާނައެވެ.

އީގަލް ހިލްސްއާއެކު ސޮއިކޮށްފައިވާ ކޮމާޝަލް ޓަރމްސް އެގްރީމެންޓް ދަށުން، 5000 ހައުސިންގ ޔުނިޓުގެ ބޯހިޔާވަހިކަމުގެ މަޝްރުޢޫއެއް ރަސްމާލެ ތަރައްޤީ ކުރުމުގެ އެޑްވާންސްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ސަރުކާރުން ހާމަކުރައްވާފައިވެއެވެ. މިއީ 500 މިލިޔަން ޑޮލަރު ނުވަތަ 7.7 ބިލިޔަން ރުފިޔާގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުއެކެވެ.

ރަސްމާލޭގައި އިޤްތިޞާދީ މަޝްރޫޢެއް ކުރިއަށްގެންދިޔަ ނަމަވެސް އެތަނުގައި ރައްޔިތުންނަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް، ނުވަތަ ފްލެޓް އެޅުމުގެ މަޝްރޫޢެއް ކެންސަލް ހުއްޓާނުލާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.