ޚަބަރު

ކުޑަގިރީގައި ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރަނީ


ފިޠުރު ޢީދު ދުވަސް ފާހަގަކުރުމަށްޓަކައި ކުޑަގިރި ޕިކްނިކް އައިލެންޑުގައި ޚާއްޞަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް އަރބަންކޯއިން ނިންމައިފިއެވެ.

އަރބަން ގެޓްއަވޭއެއްގެ ގޮތުގައި ތަރައްޤީކޮށް، ދާދިފަހުން ހުޅުވި ކުޑަގިރި ޕިކްނިކް އައިލެންޑުގައި މިފަހަރު ޢީދު ފާހަގަކުރުމަށް ހަމަޖައްސާފައި ވަނީ ކުޑަގިރި ޢީދު ފެސްޓުގެ ނަމުގައެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް އެ ދުވަހުގެ ހެނދުނުން ފެށިގެން ރޭގަނޑާ ހަމައަށް ތަފާތު އެކި ޙަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

އޭގެތެރޭގައި ކުލަ ޖެހުމާއި، ކްރޮސްނެޓް ވޮލީބޯޅަ އާއި، ކުޑަކުދިންގެ ކައިޓް ސެޝަނެއް ކުރިއަށްދާނެއެވެ. އަދި ރޮބޯމޭންގެ ޙަރަކާތްތަކާއި، ބޮޑުމަސް، ކޯޑި ކެނޑުން، އަދި މާލި ޙަރަކާތްތަކާއި، ބޮޑުބެރު، ދަފިނެގުން، ދަނޑިޖެހުމާއި މާފަތި އަދި ބަނޑިޔާ ހަރަކާތްތައްވެސް ހިމެނެއެވެ.

ބިދަބިން ބޮޑުބެރު ގްރޫޕުގެ ހުނަރުވެރިކަން ފެނިގެންދާ މި ޙަރަކާތްތަކުގައި ބައިވެރިވުމަށް އެ ދުވަހުގެ ހެދުނު 8:30 އިން ފެށިގެން އިރުއޮއްސި 7:30 އާ ހަމައަށް ކުޑަގިރިއަށް ހިލޭ އަރާ ފޭބޭނެއެވެ. އަދި މި ގަޑިތަކުގައި ކުޑަގިރީގައި އުޅޭ މީހުންނަށް ޚާއްޞަކޮށް ސްނެކްސް ލިބޭނެ ގޮތަށް ސްޓޯލްތައް ވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.


އަރބަންކޯއިން ވިދާޅުވީ، ހެނދުނާއި ހަވީރުގެ ކުޅިވަރު ޙަރަކާތްތަކަށްފަހު ކުޑަގިރި ޢީދު ފެސްޓު ނިންމާލަން ހަމަޖެހިފައި ވަނީ ގާލާ ނައިޓަކުން ކަމަށެވެ. މި ގާލާގައި ބައިވެރިވުމަށް ކޮންމެ މީހަކު ވެސް 150 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މީގެތެރޭގައި ޢީދު ސްޕެޝަލް ގާލާ ޑިނާއެއްގެ އިތުރުން ޑި ޓިއުން ބޭންޑާއި، ބިދަބިން ބޮޑުބެރު ގްރޫޕް ޙަރަކާތްތަކާއި، ލޯކަލް އަދި އިންޓަނޭޝަނަލް އާޓިސްޓުންގެ އެކި ޙަރަކާތްތައް ހިމެނިގެންދާނެކަމަށް އެކޯރޕަރޭޝަނުން ވިދާޅުވިއެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް ރަސްމީކޮށް ހުޅުވިތާ ދެ މަސްވެފައިވާއިރު، ކުޑަގިރިއަށް ޒިޔާރާތްކުރި 10،000 ވަނަ މީހާ އިޢުލާންކުރުން ވެސް މި ގާލާ ނައިޓްގައި އޮންނާނެކަމަށް އަރބަންކޯއިން ވިދާޅުވެއެވެ.