ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފަހު މުބާރާތް ކަމަށްވާ ކޮމްޕެނީ ޓޭޕްބޯލް މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާސްއިން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ފަތަހަ ސްޓާސްއިން ހޯދީ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ވަރަކަޕޯލާއާ ވާދަކޮށް 33 ލަނޑުން މޮޅުވެގެންނެވެ.
މި މެޗުގެ ގުރު ދިމާވުމުން ވަރަކަޕޯލާ ނިންމީ ހޮވުމަށެވެ. އެއާއެކު ފަތަހަ ސްޓާސް އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ވަނީ 144 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 16 ބޯޅައިން 56 ލަނޑު ހެދި ސައިދުލް އިސްލާމެވެ.
ޖަވާބުގައި ވަރަކަޕޯލާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 111 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 15 ބޯޅައިން 37 ލަނޑު އެއްކުރި މުޙައްމަދު ޝިޔާމެވެ.
މި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔަކަށް ހޮވުނީ ފަތަހަ ސްޓާސްގެ ސައިދުލް އިސްލާމެވެ. އަދި މުބާރާތުގައި އެންމެ ގިނަ ވިކެޓް ނެގީ ވަރަކަޕޯލާގެ ސަތީސްއެވެ.
މި މުބާރާތުގެ ފައިނަލް މެޗަށްފަހު ވަނަތަކަށް އިނާމުދެއްވީ ސީބީއެމުގެ ނައިބު ރައީސް އަޙްމަދު ހުސެއިނާއި ނެސްލޭ މައިލޯގެ މަހިންދައެވެ.