ތ.ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގަން ފިޝަރީޒް މިނިސްޓްރީން މިފްކޯއ ޙަވާލުކުރައްވައިފިއެވެ.
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ފައިނޭންސް ލިބުނުހާ އަވަހަކަށް އެތަނުގެ މަސައްކަތް ފަށާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. ފައުޒީ ވިދާޅުވީ ފުނައްޑޫ ބަނދަރު އޮތީ ހަލާކުވެފައި ކަމަށާއި ފުނައްޑޫ ބަނދަރު ހަދާއިރު އެންމެ ބޮޑު އިސްކަމެއްދޭނީ ވީހާވެސް ދިގު މުއްދަތަކަށް އެތަން ބޭނުންކުރެވޭ ފަދަ ގޮތަކަށް ޑިޒައިންކޮށްގެން ހަދަން ކަމަށެވެ. ބަނދަރުގެ މަސައްކަތާއެކު ތަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ އިތުރު މަސައްކަތްތައް ކުރިއަށްދާނޭ ކަމަށް ވެސް ފައުޒީ ވިދާޅުވިއެވެ.
ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސް ގަތުމުގެ މަސައްކަތް ފެށުމަށް، 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަންޖޭހެކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް މިފްކޯއިން ބުނެއެވެ. އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މިފްކޯއިން ލަފާކުރެއެވެ.
ތ. ފުނައްޑޫ، މިފްކޯއަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފި @mifcomv pic.twitter.com/w7vOhaUFig
— Min. of Fisheries, Marine Resources & Agriculture (@MoFMRAmv) April 19, 2023
އަމިއްލަ ފަރާތަކުން ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސްގަނެ އެކްސްޕޯޓްކުރަން ފަށާފައިވަނީ 2004 ވަނަ އަހަރުއެވެ. ނަމަވެސް އެ ރަށް ތަރައްޤީކުރަން ނެގި ލޯނެއް ނުދައްކައިގެން ޖެހުނު މައްސަލަތަކެއްގައި ރަށުގައި ކުރަމުން އައި މަސްވެރިކަމާގުޅޭ މަސައްކަތްތަކެއް އޮތީ ހުއްޓިފައެވެ.
ފުނައްޑޫ ސަރުކާރަށް ނަންގަވައިފައިވަނީ އެ ރަށް ހިންގި ފަރާތުން ބޭންކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްފަހުއެވެ. އަދި ތ.ފުނައްޑޫ މިފްކޯއިން ގަނެފައިވަނީ 22.8 މިލިއަން ރުފިޔާއަށެވެ.