ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްދިޔަ "ސްޓެލްކޯ އެފްއޭއެމް ވެޓެރަންސް ލީގު 2023" ގެ ފައިނަލުގައި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބު ބަލިކޮށް ހުޅުމާލެ ވެޓެރަންސްއިން ތަށި ދިފާއުކޮށްފިއެވެ.
އެފްއޭއެމް އެއް ނަންބަރު ޓާފް ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު ފައިނަލް މެޗު ހުޅުމާލެ ވެޓެރަންސްއިން ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހުޅުމާލެ ވެޓެރަންސްއެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ގިތުރީސްއެވެ. އެކަމަކު މާ ގިނައިރުތަކެއްނުވެ ދަ ގްރާންޑޭއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ވަހީދު (ބިންމާ އައްލޯ) އެވެ.
މި މެޗުގައި ހުޅުމާލެ ވެޓެރަންސްއިން އަލުން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ.
ލީޑު ނެގުމަށް ހުޅުމާލޭ ވެޓްރަންސް އިން ކުރަމުން އައި މަސައްކަތް ކާމިޔާބުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އާކޭ ދިން ބޯޅައަކުން މިގޯލު ޖަހައިދިނީ އަބްދުލްމަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ. އަދި ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ މަޖިއްޓެ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން އަޙްމަދު ޝަކީބް ދަ ގްރާންޑޭއަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، މެޗުގެ ފަހުކޮޅު ހުޅުމާލެ ވެޓެރަންސްއިން ވަނީ އިތުރު ދެ ލަނޑު ޖަހައި ޗެމްޕިއަންކަން ހޯދާފައެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އަޙްމަދު ނިޔާޒް އާއި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާި ހޯދި ގިތުރީސްއެވެ.
11 ޓީމެއް ވާދަކުރި މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ދަ ގްރާންޑޭގެ އަޙްމަދު ޝާކީބެވެ. އަދި އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން އަޙްމަދު ހޯދިއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ މޯލްޑިވްސް ސޮކަ މޭޓްސްއެއެވެ.