ކުޅިވަރު

ވަރުގަދަ މާޒިޔާ ބަލިކޮށް ބުރު ސްޕޯޓްސް ސެމީ ފައިނަލަށް


ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް 2023 ގެ ސެމީ ފައިނަލަށް ބުރު ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ގްރޫޕް ދޭއްގެ މެޗުން ބުރު ސްޕޯޓްސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މިއީ މި ސީޒަނުގެ ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ ބުރު ސްޕޯޓްސްއިން މި ޑިވިޝަނުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި މި މޮޅާއެކު ޕްރެޒިޑެންޓްސް ކަޕުގެ ސެމީއަށް ބުރު ސްޕޯޓްސް ދަތުރުކުރިއިރު، އެންމެ ފަހުގެ ރަނަރަޕް މާޒިޔާވެސް ވަނީ މި ގްރޫޕުން ސެމީގެ ޖާގައެއް ހޯދާފައެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބުރުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 41 ވަނަ މިނެޓުގައި ބުރުން ލީޑު ނެގިއިރު، މި ލަނޑަކީ މާޒިޔާގެ ޑިފެންޑަރު އެޑްގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއާއެކު މާޒިޔާއިން ދެވަނަ ހާފަށް ނުކުތީ މިޑްފިލްޑަރު ޚަލީލް ޖަމާލުގެ ބަދަލުގައި އެލްޑާ ހަސަނޮވިޗް ކުޅެން އަރުވައިގެންނެވެ.

މި މެޗުގެ 55 ވަނަ މިނެޓުގައި މާޒިޔާއަށް ކުޅެމުން އަންނަ ސާބިއާގެ ފޯވާޑް ސްޓެފަން ބޮލުން ލަނޑެއް ޖެހި ނަމަވެސް، ރެފުރީ ވަނީ އޭގެ ކުރިން މާޒިޔާގެ ކުޅުންތެރިން އޭރިއޭ ތެރެއިން ބުރު ސްޕޯޓްސްގެ ގޯލްކީޕަރު ޝައިހާން އަލީއަށް ފައުލް ކޮށްފައިވާ ކަމަށް ނިންމާފައެވެ. މި މެޗުގައި ބުރު ސްޕޯޓްސްއިން ލީޑު ފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ބުރު ސްޕޯޓްސްގެ އިބްރާހީމް އުސާމާ އަރިމަތިން ނަގައިދިން ބޯޅައެއްގައި މާޒިޔާ ކީޕަރު ހުސެއިން ޝަރީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ކާމިޔާބުކޮށްދިނީ ހުސެއިން ޝާވިންއެވެ.

އެކަމަކު އޭގެ ދެ މިނެޓު ފަހުން މާޒިޔާއިން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އައިސަމެވެ. މިއީ ބަދަލަކަށް ކުޅެން ނުކުތް މާޒިޔާގެ ހަސަން ރާއިފް އަޙްމަދު (ހަންނަ) އަށް އޭރިއާ ތެރެއިން ބުރު ސްޕޯޓްގެ މުޙައްމަދު ސާއިފް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުން ބުރު ސްޕޯޓްސް މޮޅުވުމާއެކު މި ގްރޫޕުގެ ކޮންމެ ޓީމަކަށް ލިބެނީ ތިން ޕޮއިންޓެވެ. އެއާއެކު ޕޮއިންޓާއި ހެޑް-ޓު-ހެޑް އުސޫލުން ތިން ޓީމު އެއްވަރުވެ، ފައިދާ ލަނޑަށް ބަލާއިރު ކުރި ލިބެނީ މާޒިޔާއަށެވެ. އެ ޓީމަށް އެއްވަނަ ލިބުނުއިރު، ގްރޫޕްގެ ދެވަނަ ލިބުނީ ބުރު ސްޕޯޓްސްއަށެވެ.