ކުޅިވަރު

ޓީއެފްޓީން ބޭއްވި 10 ވަނަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ލައިކަންސްއަށް


ވިލިމާލެގައި ކުރިއަށްދިޔަ އޮބިއޮން ޓީއެފްޓީ 10 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ލައިކަންސްއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ލައިކަންސް ހޯދާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ކުޅުނު ފައިނަލް މެޗުގައި ވައިޑީ ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަސޭހަކަމާއެކު 9-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގައި ލައިކަންސް ޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ލައިކަންސްގެ އަލީ ހާފިޒް (ހާއްޕެ) ހޮވުނުއިރު، މުޅި މުބާރާތުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ އެނާކީ އެފްސީގެ މުހައްމަދު ނާބިތު ހަސަނެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކަށް ކުލަބް އޯވަންއޯގެ ހުސެއިން ސާއިލް ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވުނީ އެލްކިއު ސްޕޯޓްސް ކުލަބެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ލައިކަންސްގެ ހުސެއިން ޝަރީފް (އޮންލީ)، ސާމިން މުހައްމަދު، އިސްމާއީލް ވަޖީހު (ވައްޖެ) ގެ އިތުރުން ވައިޑީ ސްޕޯޓްސް ކުލަބުގެ ޔާމީން މުހައްމަދާއި އަހްމަދު މާހިން މުހައްމަދެވެ. ކިންގް އޮފް ދަ ޓޯނަމަންޓްގެ މަޤާމު ހޯދީ ލައިކަންސްގެ ސާމިން މުހައްމަދެވެ.

މިއަހަރުގެ މުބާރާތް ކުރިޔަށްދިޔައީ ޖުމްލަ 32 ޓީމު 8 ގްރޫޕަކަށް ބަހާލައިގެންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުލަބް އޯވަންއޯ އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެލްޓީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.