ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން ސެވިއްޔާ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ސެވިއްޔާ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާއި ބައްދަލުކޮށް ފަސް ލަނޑު ދެލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޔުނައިޓެޑްގެ ދަނޑުގައި ކުޅެ 2 ލަނޑު 2ލަނޑުން ދެޓީމް އެއްވަރުވިއިރު، ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގް ސެވިއްޔާއިން ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި 3 ލަނޑު ސުންލަނޑުންނެވެ.
ޔުނައިޓެޑުން މެޗްގެ ބޮޑު ބައިކޮންޓްރޯލް ކުރި ދެވަނަ ލެގްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސެވިއްޔާއިންނެވެ. އަދި މިމެޗްގެ ފެށުން ރަނގަޅުވީވެސް ސެވިއްޔާގެއެވެ. މިގޮތުން މެޗްގެ އަށް ވަނަ މިނެޓްގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއަރ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސެވިއްޔާއިން ވަނީ ލަނޑެއް ޖަހާ މިކުރިމަތިލުމުގައި ކުރި ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޔޫސުފް އެން ނެސީރީއެވެ.
ފުރަތަމަ ހާފެކޭވެސް އެއްގޮތަށް ދެވަނަ ހާފްގެ ކުރީކޮޅުވެސް ސެވިއްޔާއިން ވަނީ ލަނޑެއް ޖަހާ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ލޮއިކް ބޯޑްެއެވެ. އަދި މިމެޗްގައި ސެވިއްޔާގެ ތިންވަނަ ލަނޑު މެޗްގެ 81 ވަނަ މިނެޓްގައި އެން ނަސީރީ ޖަހާދިނީ ޔުނައިޓެޑުގެ ކީޕަރ ޑޭވިޑް ޑެ ހެއަރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައެވެ.
މިކާމިޔާބީއާއެކު ސެވިއްޔާ މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދިއިރު، ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ސްޕޯޓިން ބަލިކުރި ޔުވެންޓަސް އާއެވެ.