ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން އޭއެސް ރޯމާ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ސެމީފައިނަލުން ރޯމާ ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ފެޔެނޯޑާ ބައްދަލުކޮށް 4 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ފެޔެނޯޑްގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ ފެޔެނޯޑްއެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2 ލަނޑު އެއްލަނޑުން ރޯމާ ކުރި ހޯދާފައިއޮތުމާއެކު، 2 ލަނޑު 2ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ދެޓީމް އެއްވަރުވާތީ ނަތީޖާ ނެރެފައިވަނީ އިތުރު ވަގުތު ކުޅެގެންނެވެ. މިގޮތުން އިތުރު ވަގުތުގައި ރޯމާއިން ކާމިޔާބުކުރި އިތުރު ދެލަނޑާއެކު ރޯމާއިން އެގްރިގޭޓް ނަތީޖާއިން ކުރި ހޯދިއެވެ.
ބުރާސްފަތި ދުވަހުގެރޭ ކުޅުނު ދެވަނަ ލެގްގައި ފެޔެނޯޑްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ރޯމާއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ލީޑު އެންމެ ފުރަތަމަ ނަގާފައިވަނީ މެޗްގެ 60 ވަނަ މިނެޓްގައި ރޯމާއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިއޮނާޑޯ ސްޕިނަޒޯލާއެވެ. ނަމަވެސް ފެޔެނޯޑްއިން ވަނީ މެޗްގެ 80 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާފައެވެ.
މިލަނޑާއެކު ސެމީފައިނަލުން ފެޔެނޯޑް ޖާގަހޯދަފާނެކަމަށް ހީވެގެން ދިޔަ ނަމަވެސް ހިތްވަރު އެލުވާނުލާ ކުޅެމުންދިޔަ ރޯމާއިން ވަނީ މެޗްގެ 89 ވަނަ މިނެޓްގައި ޕައުލޯ ޑިބާލާ ކާމިޔާބުކޮށްދިން ލަނޑާއެކު އެގްރިގޭޓް ނަތީޖާއިން ހަމަހަމަކޮށްފައެވެ. މިގޮތުން ކުޅުނު އިތުރު ވަގުތުގައި ރޯމާއަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދާދަދިނީ މެޗްގެ 101 ވަނަ މިނެޓްގައި ސްޓެފަން އަލް ޝާރަވީ ޖަހާދިން ލަނޑުންނެވެ. އަދި މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގްގައި ރޯމާއަށް ލިބިގެންދިޔަ ޕެނަލްޓީ ނާކާމިޔާބުވި ކެޕްޓަން ލޮރެންޒޯ ޕެލެގްރީނީވަނީ ލީޑު ފުޅާކޮށްދީފައެވެ. ރޯމާއިން ވަނީ މިދިޔަ ސީޒަންގެ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ފައިނަލްގައިވެސް ފެޔެނޯޑް ބަލިކޮށްފައެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ސެމީފައިނަލަށް ރޯމާ ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރާނީ ބަޔާ ލެވަރކޫސެންއާއެވެ. ސެމީފައިނަލުން ލެވަރކޫސެން ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ޔޫނިއަން ސެއިންޓް ގޮލޯއިއާ ބައްދަލުކޮށް 5 ލަނޑު 2ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.