ކުޅިވަރު

ގެންޓް ބަލިކޮށް ވެސްޓް ހޭމް ސެމީ ފައިނަލަށް


ޔުއެފާ ޔޫރޮޕާ ކޮންފަރެންސް ލީގުގެ ސެމީ ފައިނަލުން ވެސްޓް ހޭމް ޔުނައިޓެޑް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ސެމީފައިނަލުން ވެސްޓް ހޭމް ޖާގަހޯދީ ކްއާޓަރ ފައިނަލްގައި ގެންޓްއާ ބައްދަލުކޮށް ފަސް ލަނޑު ދެލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ގެންޓްގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރުވިއިރު ބުރާސްފަތި ދުވަހުގެރޭ ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ނިމުނީ 4 ލަނޑު އެއްލަނޑުން ވެސްޓް ހޭމް މެޗް ކާމިޔާބުކޮށްގެންނެވެ.

ގެންޓްއިން ގިނައިރު ބޯޅަ ގެންގުނު ދެވަނަ ލެގްގައި ގިނަ ހަމަލާ އުފައްދާފައިވަނީ ވެސްޓް ހޭމް އިންނެވެ. މިސީޒަންގައި އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކެމުން ނުދާ ވެސްޓް ހޭމްއަށް މިމެޗްގެ ފެށުންވެސް ދިޔައީ އެހާ ރަނގަޅަކަށް ނޫނެވެ. މިގޮތުން މެޗްގެ 26 ވަނަ މިނެޓްގައި ގެންޓްގެ ސައިޕަރސްވަނީ ލަނޑެއް ޖަހާ މެޗްގެ ލީޑު ނަގާފައެވެ. ނަމަވެސް ލަނޑު ޖެހިތާ އެގާރަ މިނެޓްފަހުން މިކައިލް އެންޓޯނިއޯ ޖަހާދިން ލަނޑާއެކު ވެސްޓް ހޭމްއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރިއެވެ.

މިމެޗްގައި ވެސްޓް ހޭމްއިން ފުރަތަަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗްގެ 55 ވަނަ މިނެޓްގައި ލިބުު ޕެނަލްޓީ އަކުންނެވެ. މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕަކުއެޓާއެވެ. ވެސްޓް ހޭމްއިން މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިނީ ޑެކްލަން ރައީސްއެވެ. އަދި ފަހު ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ޖަހާދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން އެންޓޯނިއޯއެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް މިމުބާރާތުގެ ސެމީފައިނަލުން ޖާގަހޯދިއިރު، ސެމީފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ އޭޒީ އަލްކްމާރާއެވެ.