ކުޅިވަރު

ޔުވެންޓަސްއިން 15 ޕޮއިންޓް ކަނޑާލަން ނިންމި ނިންމުން އަނބުރާ ގެންގޮސްފި


ޓްރާންސްފާ ކަންތައްތަކުގައި އޮޅުވާލި ކަމަށް ނިންމައި އިޓާލިއަން ލީގުގެ ޔުވެންޓަސްއިން 15 ޕޮއިންޓް ކަނޑަން ނިންމި ނިންމުން އަނބުރާ ގެންގޮސްފިއެވެ.

ޔުވެންޓަސްގެ 15 ޕޮއިންޓް ކަނޑާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މިނިންމުން އިޔާދަ ކުރުމާއެކު ޔުވެންޓަސް މިހާރުވަނީ ތާވަލްގެ ހަތްވަނައިން ތިންވަނައަށް ކުރިއަށް ގެހިލާފައެވެ. ޔުވެންޓަސްއިން އުނިކުރި 15 ޕޮއިންޓްގެ މައްސަލަ އަނބުރާ ގެންދަން ޖެހުނީ އެމައްސަލަ އަލުން ބެލުމަށް އިޓަލީވިލާތުގެ ކުޅިވަރާއި ބެހޭ އެންމެ މަތީ ކޯޓުން އެންގުމާއި ގުޅިގެންނެވެ. އެހެން ކަމުން މިކަން އަލުން ބެލުމަށްފަހު މިއަދަބު އަލުން ލިބުމަކީ ނުވަތަ އެއަށްވުރެ ބޮޑު އަދަބެއް ފަހުން ލިބިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ޔުވެންޓަސްގެ މައްސަލައިގާ މިގޮތަށް ނިންމި ނަމަވެސް އެކަމުގައި ބައިވެރިވިކަމަށް ނިންމާ އަދަދު ދެވިފައިވާ ބައެއް ފަރާތްތަކުގެ އެޕީލް ބަލައިގެންފައެއް ނުވެއެވެ. މިގޮތުން ޓޮޓްނަމްހެ ޑިރެކްޓަރ އޮފް ފުޓްބޯލް ފަބިއޯ ޕަރަޓީޗީގެ މައްޗަށް ކުރިން އިއްވާފައިވާ 30 މަސް ދުވަހުގެ ބޭންގެ މައްސަލައިގެ އެޕީލް ކާމިޔާބު ނުވިއިރު ކުރީގެ ރައީސް އަންޑްރިއާ އެގްނެއްލީ އާއި ކުރީގެ ޗީފް އެގްޒެކެޓިވް މައުރީޒިއޯ އަރިވަބޭނޭ އާއި ސްޕޯޓިންގ ޑިރެކްޓަރ ފެޑެރީކޯ ޗެރުބީނީގެ އެޕީލްތައްވެސް ކާމިޔާބު ވާގޮތެއްނުވިއެވެ. ނަމަވެސް ކުރީގެ ކުޅުންތެރިޔާ އަދި ޑިރެކްޓަރެއް ކަމަށްވާ ޕަވެލް ނެޑްވެޑާއި ޕައުލޯ ގަރިމްބަރޓީ އަދި އެންރީކޯ ވެލާނޯ ހުށަހެޅި އެޕީލްތައްވަނީ ކާމިޔާބުވެފައެވެ.

މިމައްސަލައިން ޔުވެންޓަސް ސަލާމަތްވުމުގެ ބަދަލުގައި އެމައްސަލަ އަލުންވަނީ ކުރިން ބެލި އިޓާލިއަން ފުޓްބޯލް ފެޑެރޭޝަންގެ އެޕީލް ކޯޓަށް ހުށަހެޅިފައެވެ. އެހެންކަމުން މިކަމުގައި ޔުވެންޓަސްއަށް ލިބިގެން ދަނީ ކޮން އަދަބެއްކަން އެނގިގެންދާނީ މައްސަލަ އަލުން ބެލުމުންނެވެ. މިވަގުތަށް މިގެނައި ބަދަލާއެކު ސެރީއާގައި ބާކީ ކޮންމެ ޓީމަކަށް އަށް މެޗް އޮއްވާ އޭސީ މިލާން ވަނީ ގަދަ ހަތަރަކުން ކައްސާލާފައެވެ. އަދި އޭއެސް ރޯމާވަނީ ހަތަރު ވަނައަށް ވެއްޓިފައެވެ. މިނިންމުމަށް ޔުވެންޓަސްއިންވަނީ މަރްހަބާ ކިޔާފައެވެ.