އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް އީސްޓަން ކޮންފަރެންސްގައި ބްރޫކްލިން ނެޓްސްއާ ދެކޮޅަށް ކުޅުނު ތިންވަނަ މެޗުވެސް ތިންވަނައަށް ސީޑް ކުރެވިފައިވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސާސްއިން ކާމިޔާބުކޮށްފިއެވެ.
ބްރޫކްލިންގެ ބާރކްލޭސް ސެންޓަރގައި ކުޅުނު މިމެޗް ސިކްސަރސް ކާމިޔާބުކުރީ 102 ޕޮއިންޓް 97 ޕޮއިންޓުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސިކްސަރސްގެ ޓައިރީސް މެކްސީ ވަނީ 25 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. މިދެޓީމްގެ މެދުގައި ކުޅޭ ހަތަރު ވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ތިންވަނަ މެޗްވެސް ކުޅުނު ބާރކްލޭސް ސެންޓަރގައެވެ. މިމެޗް ސިކްސަރސް ކާމިޔާބުކޮށްފި ނަމަ އެޓީމަށް މިސީރީޒް ކާމިޔާބުވެ ޕްލޭ އޮފްސްގެ ދެވަނަ ބުރުން ޖާގަ ލިބިގެންދާނެއެވެ. ނެޓްސްއިން މިސީރީޒް ކާމިޔާބު ކުރަން ބޭނުންނަމަ ބާކީ އޮތް ހަތަރު މެޗް އެޓީމް ކާމިޔާބު ކުރަންޖެހޭނެއެވެ.
މިމުބާރާތުގެ ވެސްޓަން ކޮންފަރެންސްގެ ޕްލޭ އޮފްސްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސެކްރެމެންޓޯ ކިންގްސް އާއި ހަވަނައަށް ސީޑް ކުރެވިފައިވާ އެންމެފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއަރސް ބައްދަލުކުރި ތިންވަނަ މެޗް ވޮރިއަރސްއިން ކާމިޔާބުކޮށް ދެޓީމްގެ މެދުގައިވާ ފަރަގު ވަނީ އެއްމެޗަށް ކުޑަކޮށްފައެވެ.
ސެން ފްރަންސިސްކޯގެ ޗޭސް ސެންޓަރގައި ކުޅުނު މިމެޗް ވޮރިއަރސް ކާމިޔާބުކުރީ 114 ޕޮއިންޓް 97 ޕޮއިންޓުންނެވެ. މިމެޗްގައި ވޮރިއަރސްގެ ސްޓެފަން ކަރީ ވަނީ 36 ޕޮއިންޓް ހޯދާދީ 6 ރީބައުންދް ނަގާދީ 3 އެސިސްޓް ކޮށްފައެވެ. އަދި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް މިމެޗްގައި ދައްކަދިނީ 26 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 9 އެސިސްޓް ދިން ޑި އާރޮން ފޮކްސްއެވެ. މިދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ހަތަރުވަނަ މެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ތިންވަނަ މެޗް ކުޅުނު ޗޭސް ސެންޓަރގައެވެ. މިމެޗް ވޮރިއަރސް ކާމިޔާބުކޮށްދިނަމަ މިސީރީޒް ދެމެޗް ދެމެޗުން އެއްވަރު ވެގެންދާނެއެވެ. އަދި ކިންގްސް ކާމިޔާބުކޮށްފި ނަމަ އެޓީމަށް ތިން މެޗް އެއްމެޗްގެ ލީޑެއް ލިބި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑު ވެގެންދާނެއެވެ. އެއީ ފަސްވަނަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ކިންގްސްގެ އަމިއްލަ ކޯޓުގައެވެ.