ޚަބަރު

ދައުރު ކުރަނީ ފޭކް ލިސްޓެއް، އެއްވެސް މުވައްޒަކަށް ފްލެޓެއް ނުބަހަން: އާރބަންކޯ


މުވައްޒަފުންނަށް ފްލެޓް ބެހި ކަމަށް ބުނެ، ޝޯޝަލް މީޑިއާގައި ދައުރު ކުރަމުންދަނީ ފޭކް ލިސްޓެއް ކަމަށާއި އެއްވެސް މުވައްޒަފަކަށް ފްލެޓް ބަހާފައި ނުވާނެ ކަމަށް އާރބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިހެން މި ބުނީ އާރބަންކޯގެ ބޯޑް މެންބަރުންނާއި އެހެންވެސް ބައެއް އިސްވެރިން ހިމެނޭ ގޮތަށް އެތާނގެ 34 މުވައްޒަފަކަށް ފްލެޓް ބަހަން ނިންމާފައިވާ ކަމަށް ތުހުމަތުކޮށް، ނަންލިސްޓެއް ސޯޝަލް މީޑިއާގައި ދައުރުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އާބަންކޯއިން ނެރުނު ބަޔާނުގައި ވަނީ އެކަން ދޮގުކޮށްފައެވެ. އެބަޔާނުގައި ބުނެފައިވަނީ ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ މިކްސްޑް ރެޒިޑެންޝަލް ޕްރޮޖެކްޓްތަކުގެ ފްލެޓްތައް އެކުންފުނީގެ މުވައްޒަފުންނަށް ވިއްކުމަށް ބުރާސްފަތި ދުވަހު ހުރިހާ މުވައްޒަފުންނަށް މެމޯއެއް ނެރުނު ކަމަށެވެ. އެ ފެލްޓްތަކަކީ، ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ތަރައްގީކުރަމުންދާ ހަތަރު މަޝްރޫޢު ހިންގުމަށް ދީފައިވާ ބިމުގެ އަގުގެ ބަދަލުގައި އެއްބަސްވުމާ އެއްގޮތަށް ލިބިފައިވާ ފްލެޓްތަކެއް ކަމަށް ބަޔާނުގައިވެއެވެ.

އަދި އެ ފްލެޓްތަކަކީ، މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ސްޓާފް ހައުސިންގ ސްކީމްގެ ދަށުން ވިކުމަށް ހުޅުވާލި ފްލެޓްތަކުގެ ތެރެއިން ބާކީވެ، ނުވިކި ހުރި 34 ފްލެޓްކަމަށާއި އަހަރެއްހާ ދުވަސް ފަހުން އެ ފްލެޓްތަކަށް އަނެއްކާ ވެސް ކުރިމަތިލުމަށް ހުޅުވާލީ، މުވައްޒަފުންނަށް އައު ފުރުޞަތެއް ދިނުމަށް ކަމަށެވެ.

އޭގެ އިތުރުން، އެ ބިންތަކަކީ ވިޔަފާރި އުޞޫލުން ދޫކޮށްފައިވާ ބިންތަކެއް ކަމަށާއި އެ ބިންތަކުގެ އަގު ހަމަކުރުމަށް ބޭނުންވާތީ އަލުން އެ ފްލެޓްތައް ވިއްކަން ހުޅުވާލީކަމަށް އާރބަންކޯގެ ބަޔާނުގައިވެއެވެ. މިފަހަރު ވިއްކުމަށް ހުޅުވާލި 34 ޔުނިޓް ގަތުމަށް 800 އަށް ވުރެ ގިނަ މުވައްޒަފުން ޝަރުތު ހަމަވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ފްލެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ، ވަކި އުޞޫލެއްގެ ތެރެއިން ކަނޑައަޅާ، ޕޯޓަލެއް މެދުވެރިކޮށެވެ.

އާރބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން ނެރުނު މެމޯއާއި ޔުނިޓްތަކުގެ އަގުތަކާއެކު އެކޯޕަރޭޝަންގެ އިސްވެރިންގެ ލިސްޓެއް ކަމަށް ބުނެ އަމިއްލައަށް ތައްޔާރުކޮށްފައިވާ ޞައްޙަ ނޫސް ލިސްޓެއް ކާކުކަން ނޭނގޭ އެކައުންޓަކުން، މީސްމީޑިއާގައި ދައުރުކުރަމުން ދަނީ ކަމުގެ ޙަޤޤަތް އޮޅުވާލައި ކުންފުނީގެ އަގު ވައްޓާލަން ކަމަށެވެ. އަދި ހުޅުމާލޭގައި ހިންގާ މަޝްރޫއުތަކާއި ވަކިން ޚާއްޞަކޮށް އާންމުންނާ ގުޅިފައިވާ ހުންނަ މިފަދަ މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ ވީހާވެސް ހާމަކަން ބޮޑުކޮށް، ކަނޑައެޅިފައިވާ އުސޫލުތަކާއި ޤަވާޢިދުގެ ތެރެއިންކަމަށް ވެސް އާބަންކޯގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ އެއްވެސް ޙައްޤަކަށް އުނި ކަމެއް އަންނާނެ ކަމެއް އަދި ޙައްޤެއް ނިގުޅައިގަނެވޭނެ ފަދަ އެއްވެސް ޢަމަލެއް ނުކުރާނެ ކަމަށްވެސް އެ ބާޔާނުގައި ވަނީ ބުނެފައެވެ.