ޚަބަރު

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް: ހޮންގ ކޮންގުން ރާއްޖެ ބަލިކޮށްފި


  • މިހާތަނަށް ރާއްޖެއިން 4މެޗު ކުޅެފައިވޭ

  • ރާއްޖެ މޮޅުވީ އިންޑިއާ އަތުން އެކަނި

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން މުބާރާތް ބާއްވާ ޤައުމު، ހޮންގ ކޮންގާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެއްޖެއެވެ.

މި މެޗުން ރާއްޖެ ބަލިވީ 34-55ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަަމަ ކުއާޓަރުގައި ކޮންގ ކޮންގުން ރާއްޖޭގެ މައްޗަށް ކުރިހޯދީ 10-14އިންނެވެ. ދެވަނަ ކުއާޓަރުގައި 10-13އިން އެ ޓީމު މޮޅުވިއިރު ތިންވނަ މެޗުގައި ރާއްޖެ ބަލިވީ 9-15އިންނެވެ. އަދި ފަހު ސެޓު ހޮންގ ކޮންގުން ގެންދިޔައީ 5-13އިންނެވެ.

މިއީ މުބާރާތުގައި ރާއްޖެއިން ކުޅުނު ހަތަރުވަނަ މެޗެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ ސިންގަޕޫރާ ދެކޮޅަށް ކުޅެ ރާއްޖެ ބަލިވީ 19-81އިންނެވެ. އަދި ދެވަނަ މެޗުގައި މެލޭޝިއާ އަތުން 32-78އިން ރާއްޖެ ބަލިވިއިރު ތިންވަނަ މެޗުން ރާއްޖެ ވަނީ އިންޑިއާ އަތުން 41-60އިން މޮޅުވެފައެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުތް ސިންގަޕޫރު އަދި މެލޭޝިއާ އަކީ އޭޝިއާ ސަރަހައްދުގެ ނެޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. މި ސަރަހައްދުގައި ނެޓްބޯޅައިގެ އެންމެ ވަރުގަދަ ތިން ޓީމުގެ ގޮތުގައި ފާހަގަކުރެވެނީ ސިންގަޕޫރާއި މެލޭޝިއާގެ އިތުރުން ސްރީލަންކާއެވެ.

މި ތިން ޓީމަކީ 1985ވަނަ އަހަރު ބޭއްވި އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ ފުރަތަަމަ މުބާރާތުން ފެށިގެން ގަވައިދުން، މުބާރާތުގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ޓީމެވެ.

މުބާރާތުގައި ރާއްޖެއަށް ދެން ކުރިއަށް އޮތީ ލަންކާ މެޗެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމަށް، ބައިނަލްއަޤްވާމީ ތަޖުރިބާއާއި ކާމިޔާބީ އަދި ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށެވެ.

ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޤައުމީ ޓީމުން ޖެހޭއިރު، ރާއްޖެއިން މުބާރާތުގައި ވާދަކުރަން މި ޖެހެނީ އޭޝިއާ ސަރަހައްދުގައި ނެޓްބޯޅައިގެ ވަރުގަދަ ބާރުތަކަކާއެވެ.

ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.