ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ ބަލިކޮށް މާލޭގައި ފެށި ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން 2023 - 10 ބޯލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ހުސެއިން ފަޔާޒް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ 10 ގައި ހިމެނޭ ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާއިރު ރާއްޖޭގެ 16 ކުޅުންތެރިއަކު މި މުބާރާތުގައި ވާދަކުރެއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން ފަޔާޒް މޮޅުވީ ގްރީސްގެ ޗެމްޕިއަން ނިކޮލަސް މަލާއީ އާ ވާދަކޮށް 7-6 ފްރޭމުންނެވެ.
މި ކާމިޔާބީއާއެކު ފަޔާޒް ވެފައިވަނީ އަމިއްލަ ޤައުމުގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތުގައި މޮޅެއް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާއަށެވެ. މުބާރާޓުގް ގްރޫޕް ސްޓޭޖު ކުރިޔަށްދާނީ ރޭސް ޓު 7 ފްރޭމަށެވެ. މެޗު ފަށައިގެން ފަޔާޒް މޮޅު ލީޑެއް ނެގި ނަމަވެސް ނިކޮލާއި ވަނީ ފަހަތުން އަރާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ފަޔާޒް މި މެޗުން މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު ފަހު ފްރޭމުން ކުރި ހޯދައިގެންނެވެ.
ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިޔަށްދާ ގްރޫޕް ސްޓޭޖުގައި ގްރީސްގެ ޗެމްޕިއަން ބަލިކުރި ނަމަވެސް ފަޔާޒް ވަނީ ގްރޫޕުގެ ދެވަނަ މެޗުގައި އިންޑޮނީޝިއާގެ ބިލީ އާއި ވާދަކޮށް 3-7 ފްރޭމުން ބަލިވެފައެވެ.
މީގެއިތުރުން ރާއްޖޭގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދުވަހު ކުޅެފައެވެ. އެގޮތުން ހަސަން ޝަފްރާޒް، އައްބާސް ސައީދު އަދި ހަސަން އުސްވަތުﷲ ވަނީ ފުރަތަމަ ދެ މެޗުން ބަލިވުމާއި ގުޅިގެން މުބާރާތާ އަލްވަދާއު ކިޔާފައެވެ.