ކުޅިވަރު

ދުނިޔޭގެ ބިލިއާޑް ޗާޓުގައި ރާއްޖޭގެ ނަން ލިޔެވިއްޖެ: ނާސިފް


ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތާއެކު ދުނިޔޭގެ ޗާޓުގައި ރާއްޖޭގެ ނަން ލިޔެވިގެންދާނެ ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ރައީސް އަޙްމަދު ނާސިފް ވިދާޅުވެއްޖެއެވެ.

ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިޔުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) ގެ އެހީތެރިކަމާއެކު ރާއްޖޭގައި ފެށި މޯލްޑިވްސް އޯޕަން 2023 - 10 ބޯލް ޗެމްޕިއަންޝިޕް ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނާސިފް ވިދާޅުވީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

މި މުބާރާތަކީ ރާއްޖޭގެ ބިލިއާޑް ކޮމިއުނިޓީ އާއި އެ އެސޯސިއޭޝަނަށް ކުރިއަށްދާނެ އައު ވިސްނުންތަކެއް ގެނެސްދޭނެ މުބާރާތެއްކަން ފާހަގަކުރައްވަމުން ނާސިފް ވިދާޅުވީ މިއީ އެތައް އަހަރެއް ވަންދެން ރާއްޖޭގެ ބިލިއާޑް އާއިލާ ކުރި އިންތިޒާރެއްގެ ނިމުން ކަމަށެވެ.

މިފަދަ ބޮޑު މުބާރާތެއްގެ ތަޖުރިބާ ކުޑަކޮށްވެސް މީގެ ކުރިން ކުރެވިފައި އޮތީ ބައިނަލްއަގުވާމީ މުބާރާތްތަކަށް ދިޔަ އެތުލީޓުންނަށް އެކަނި ކަމަށާއި، މިއަދު ރާއްޖޭގައި މި ކުރެވެނީ ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ތަޖުރިބާއެއް ކަމަށްވެސް ނާސިފް ވިދާޅުވިއެވެ. އަދި މި އިވެންޓާއެކު ބިލިއާޑުގެ ދުނިޔޭ ޗާޓުގައި ރާއްޖޭގެ ނަން ލިޔެވިއްޖެ ކަމަށާއި އެއީ މުބާރާތް ހޯސްޓުކުރާ ގައުމެއްގެ ގޮތުގައި އަދި ބިލިއާޑަށް ލޯބިކުރާ ގައުމެއްގެ ގޮތުގައި ކަމަށްވެސް ނާސިފް ވިދާޅުވިއެވެ.

ނާސިފް ވަނީ ރާއްޖޭގެ ސަރުކާރުން، އަދި ވަކިން ޚާއްސަކޮށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފަށް ބިލިއާޑް އެސޯސިއޭޝަނަށް ދުނިޔޭގެ ރޭންކިންގެ މުބާރާތަކަށް ފުރުސަތު ދެއްވައި، އިތުބާރު ކުރެއްވީތީ ޝުކުރުއަދާ ކުރައްވާފައެވެ.