ޚަބަރު

ގެވެށި އަނިޔާ ކުރާ މީހުން ރިހެބިލިޓޭޓްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފަށަނީ


ގެވެށި އަނިޔާ ކުރާ ފަރާތްތައް އަނބުރާ މުޖުތަމަޢުއަށް ގެނައުމަށް ރިހެބިލިޓޭޓްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިން ވިދާޅުވެއްޖެއެވެ. މި ޕައިލެޓް ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ގުޅިގެން ޖަލުތަކުގައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައިވެސް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ މައްސަލަތަކެކެވެ. ގެވެށި އަނިޔާ ހުއްުޓުވުމުގެ ޤާނޫނެއް 2012 ވަނަ އަހަރު ވޫޖުވުމާއެކު، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ހައްޤުތައް ހިމާޔަތްކޮށްދީ، އެފަދަ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނެއް ތަސްދީގުކޮށް، ޢަމަލުކުރަން ފަށާފައިވަނީ މީގެ 11 އަހަރު ކުރިން 23 އޭޕްރިލް 2012 ވަނަ އަހަރެވެ. މި ޤާނޫނަކީ ވަކި ޖިންސަކަށް އަދި ވަކި ޢުމުރު ފުރާއަކަށް ޚާއްސަކުރެވިފައިވާ ޤާނޫނެއް ނޫނެވެ.

މި ޤާނޫނުގެ ދަށުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭގެ ނަމުގައި ޚާއްސަ އޮތޯރިޓީއެއް އުފައްދާ، ގެވެށި އަނިޔާގެ ޢަމަލުތައް ހުއްޓުވުމަށާއި، ރައްޔިތުން މިކަމަށް ހޭލުންތެރިކުރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އޮތޯރިޓީއަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލުތައް ހިންގާ ފަރާތްތައް ރިހެބިލިޓޭޓްކުރުމުގެ މަސައްކަތް ކުރުންވެސް ހިމެނެއެވެ. މިކަން ކުރުމަށްޓަކާ ޚާއްޞަ ޕައިލެޓް ޕްރޮގްރާމެއް ޑިޒައިންކޮށް ފެށުމަށް އެފް.ޕީ.އޭއިން އަންނަނީ ތައްޔާރުވަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެފް.ޕީ.އޭގެ ޑިރެކްޓަރ ކޯޑިނޭޝަން އެންޑް މޮނިޓަރިންގ އައިޝާ އިބްރާހީމް ވިދާޅުވީ، ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވަމުންދާއިރު، މިފަދަ މައްސަލަތަކުގައި ގިނައިން އިސްކަންދެވެނީ އަނިޔާ ލިބޭ ފަރާތްތަކަކަށް ކަމަށެވެ. އެހެންނަމަވެސް ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ނުވަތަ ތަކުރާރުވިޔަނުދިނުމަށް މިފަދަ އަނިޔާ ކުރާ ފަރާތްތައް ޒިންމާދާރުކުރުވުމަކީވެސް ޚާއްސަ އިސްކަމެއްދޭންޖެހޭ މަސައްކަތެއްކަން އައިޝާ ފާހަގަކުރެއްވިއެވެ.

"އަނިޔާގެ މައްސަލައެއް ހުށަހެޅޭއިރު އަޅުގަނޑުމެންނަށް ގިނަ ފަހަރަށް މި މަސައްކަތް ކުރެވެނީ އަނިޔާލިބޭ ފަރާތަކަށް. އެއީ ވަރަށް މުހިއްމުކަމެއް. އެހެންނަމަވެސް އެއާއެއްކޮށް އެބަޖެހޭ އަނިޔާ ކުރާ ފަރާތްތައްވެސް ޒިންމާދާރުކުރުވަން މަސައްކަތްކުރަން. އެފަރާތްތައް އެކައުންޓަބަލްކުރުވަން މަސައްކަތް ކުރަން. މި ޕްރޮގްރާމުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ އަނިޔާކުރާ ފަރާތަކަށް މިކުރެވެނީ އަނިޔާއެއްކަން ޤަބޫލުކުރެވުމާއި އެ ފަރާތެއް އެކައުންޓަބަލް ކުރުން" އައިޝާ ވިދާޅުވިއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން އެފް.ޕީ.އޭގެ އެސިސްޓެންޓް ޑިރެކްޓަރ އެޑްވޮކަސީ އެންޑް ރިސަރޗް ޑިޕާޓްމަންޓް ސަނާ ފާރޫޤް ވިދާޅުވީ، މިއީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ގެވެށި އަނިޔާގެ އަމަލުތައް ހިންގާ ފަރާތްތައް މުޖުތަމަޢުގައި އިތުރުވަމުންދާތީ، އެފަރާތްތަކަށް ގެވެށި އަނިޔާގެ ޢަމަލުތައް ނުކުރުމަށް ހިތްވަރުދީ، ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުންކަމަށް ސަނާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމުގެ ތެރެއިން އިފެކްޓިވް ރިހެބިލިޓޭޝަނަށް ބޭނުންވާނެ އެކި ޓެކްނީކްސްތައް ބޭނުންކުރެވިގެންދާނެ. އެފަރާތްތަކަށް ބޭނުންވާ އެކި އުކުޅުތައްވެސް ދަސްކޮށްދޭނެ. މިސާލަކަށް އެންގަރ މެނޭޖްމަންޓްގެ ހުނަރު، އިމޯޝަނަލް ރެގިއުލޭޝަން އަދި ގުޅުންތައް ދެމެހެއްޓުމަށް ބޭނުންވާ އެކި ހުނަރުތައްވެސް ދަސްކޮށްދޭނެ" ސަނާ ވިދާޅުވިއެވެ.

ގެވެށި އަނިޔާ ކުރާ ފަރާތްތައް ރިހެބިލިޓޭޓްކުރުމަށް ހިންގާ ޕައިލެޓް ޕްރޮގްރާމު ފެށުމަށްޓަކާ މި ޕްރޮގްރާމް ހިންގާނެ ފަރާތެއް ހޯދުމަށް އެފް.ޕީ.އޭއިން ވަނީ އިޢުލާންކޮށްފައެވެ. އަދި އަމާޒަކީ މި ކުއަރޓަރުގެ ތެރޭގައި މި ޕްރޮގްރާމް ފެށުންކަމަށްވެސް އެ އޮތޯރިޓީއިން ވިދާޅުވެއެވެ. މި ޕްރޮގްރާމް އެންމެ ފުރަތަމަ ޖަލުތަކުގައި ފެށުންނަމަވެސް، ކުރިއަށްއޮތްތަނުގައި ވަކިވަކި ކޭސްތަކުގައިވެސް ރިފަރަލް ޕާތުވޭއެއް ހެދިގެން ވަކި އުޞޫލެއްގެ ދަށުން މި ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް އެފް.ޕީ.އޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރެއިން މާލީ ތަނަވަސްކަންނެތް ފަރާތްތަކަށް ބޭނުންވާ ޤާނޫނީ ވަކީލެއްގެ ޚިދުމަތް ފެށުމަށްވެސް އެފް.ޕީ.އޭއިން ދަނީ ތައްޔާރުވަމުންނެވެ.

މި ޚިދުމަތުގެ ސަބަބުން އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ގެވެށި އަނިޔާގެ މައްސަލަތަކުގައި ލީގަލް ރެޕްރެޒެންޓޭޝަން ދަޢުލަތުގެ ފަރާތުން ލިބިގެންދާނެއެވެ. އެގޮތުން ކޯޓުތަކުގައި ވިކްޓިމް ރެޕްރެޒެންޓްކޮށްދިނުމާއި، ޤާނޫނީގޮތުން ބޭނުންވާ އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދޭން ފެށިގެންދާނެކަމަށް އެފް.ޕީ.އޭއިން ވިދާޅުވެއެވެ.