ކުޅިވަރު

މޯލްޑިވްސް އޯޕަން: ޝަރީފާއި ޝިހާދަށްވެސް މޮޅެއް


ރާއްޖޭގައި ކުރިއަށްދާ ބައިނަލްއަގުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް ކަމަށްވާ މޯލްޑިވްސް އޯޕަން 2023 - 10 ބޯލް ޗެމްޕިއަންޝިޕުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތައް މުޙައްމަދު ޝަރީފާއި އަޙްމަދު ޝިހާދު ކާމިޔާބުކޮށްފިއެވެ.

ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޝަރީފް ވަނީ ވިއެޓްނާމުގެ ގުޔެން ހޮން ޕޮން އަތުން 2-7 ފްރޭމުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުގައި އޭނާ ވަނީ އޮސްޓްރިއާގެ ކްރިސްޓިއަން ނެސިމާ 7-5 ފްރޭމުން ބަލިކޮށްފައެވެ.

އެ މެޗުން މޮޅުވުމާއެކު ގަދަ 32 އަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުގައި ޝަރީފް ވާދަކުރީ ޓައިވާނުގެ ޗިއާ ޗެންއާއެވެ. އެ މެޗުން 2-7 ފްރޭމުން ބަލިވެ ޝަރީފް ވަނީ މުބާރާތުން ކަޓާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޮނިހިރު ދުވަހު ރާއްޖޭގެ ޝިހާދުވެސް ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ވަނީ ފިލިޕީންސްގެ ޔޮހާން ޗުއާ އަތުން 0-7 ފްރޭމުން ބަލިވެފައެވެ. އެކަމަކު ދެވަނަ މެޗުގައި އޭނާ ވަނީ އިރާންގެ ޕޫރިޔާ ކެޝްޓްކަރަން އަތުން 7-1 ފްރޭމުން މޮޅުވެފައެވެ.

އެއާއެކު ގަދަ 32 އަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުގައި ޝިހާދު ވާދަކުރީ ފިލިޕީންސްގެ ޗުއާ އާއެވެ. އެ މެޗުން އޭނާ ބަލިވީ 4-7 ފްރޭމުންނެވެ.

ވޯލްޑް ޕޫލް ބިލިއާޑް އެސޯސިއޭޝަން (ޑަބްލިޔުޕީއޭ) އާއި އޭޝިއަން ކޮންފެޑެރޭޝަން އޮފް ބިލިއާޑް ސްޕޯޓްސް (އޭސީބީއެސް) ގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްދާ މޯލްޑިވްސް އޯޕަންގައި ހޮނިހިރު ދުވަހު ކުޅުނީ ގްރޫޕް އޭ އިން ފެށިގެން އެޗްގެ މެޗުތަކެވެ. ކޮންމެ ގްރޫޕަކުން ދެ ކުޅުންތެރިން ދެވަނަ ބުރަށް ދަތުރުކުރާއިރު، އާދީއްތަ ދުވަހު ބާކީ އަށް ގްރޫޕުގެ މެޗުތައް ކުޅެވިގެންދާނެއެވެ.