ކުޅިވަރު

މާރޭޒްގެ ހެޓްރިކުން މޮޅުވެ ސިޓީ ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގެ ފުރަތަމަ ޖާގަ މެންޗެސްޓާ ސިޓީން ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުގެ ޖާގައެއް ސިޓީން ހޯދީ ހޮނިހިރު ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ޝެފީލްޑް ޔުނައިޓެޑް 3-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗަށް ސިޓީއިން ނިކުތީ އެންމެފަހުން ޔުއޭފާ ޗެމްޕިއަންސް ލީގުގެ ކްއާޓަރ ފައިނަލްގެ ދެވަނަ ލެގްގައި ބަޔޭން މިޔުނިކާ ދެކޮޅަށް ނެރުނު ޓީމަށް ހަ ބަދަލެއް ގެނެސްގެންނެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީއަށް ޝެފީލްޑްގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ އުނދަގޫ ކަމަކަށެވެ. މިގޮތުން ފުރަތަަމަ ހާފްގައި ސިޓީއަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޝެފީލްޑަށް ވަނީ މެޗްގެ ކުރީކޮޅު ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.

މިމެޗްގައި ސިޓީގެ ފުރަތަމަ ލަނޑު މެޗްގެ 43 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރިޔާދު މަހްރެއިޒްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ސިޓީގެ ފަރާތުން ފުރަތަމަ ހާފާއި ހިލާފަށް ރަނގަޅު ހަމަލާތަކެއް އުފެއްދިތަން ފެނިގެންދިޔައެވެ. މިގޮތުން މެޗްގެ 61 ވަނަ މިނެޓްގައި މަހްރެއިޒް ވަނީ ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ފަސް މިނެޓްފަހުން މަހްރެއިޒް ވަނީ މިމެޗްގައި ތިންވަނަ ލަނޑު ޖަހާ ހެޓްރިކެއްވެސް ހަދާފައެވެ. މިއީ އެފްއޭ ކަޕްގެ ސެމީފައިނަލް މެޗެއްގައި 1958 ވަނަ އަހަރަށް ފަހު ފެނިގެންދިޔަ ފުރަތަމަ ހެޓްރިކެވެ.

މިކާމިޔާބީއާއެކު ސިޓީ ފައިނަލުން ޖާގަ ހޯދިއިރު، ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ ބްރައިޓަން އާއި މެންޗެސްޓަރ ޔުނައިޓެޑްގެ މެދުގައި އާދީއްތަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީ ފައިނަލްގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާއެވެ.