ޖަރުމަން ލީގުގައި އެއިންޓްރެކްޓް ފްރެންކްފަޓް ބަލިކޮށް ތާވަލުގެ އެއްވަނައަށް ބޮރޫޝިއާ ޑޯޓްމުންޑް ޖެހިލައިފިއެވެ.
ތާވަލްގެ އެއްވަނައަށް ޑޯޓްމުންޑް ޖެހިލީ ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ފްރެންކްފަޓް ބަލިކުރުމުގެ އިތުރުން، މީގެ ކުރިން ތާވަލުގެ އެއްވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔޭން މިޔުނިކް ކުޅުނު މެޗުން ބަލިވުމުންނެވެ.
ޑޯޓްމުންޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފުރަތަމަ ލަނޑު ޖަހާދިނީ މެޗްގެ 19 ވަނަ މިނެޓްގައި ޖޫޑް ބެލިންގހަމްއެވެ. އަދި މެޗްގެ 24 ވަނަ މިނެޓްގައި ޑޯޓްމުންޑްގެ ލީޑު ފުޅާކޮށްދިނީ ޑޮންޔެލް މަލެންއެވެ. އަދި މެޗްގެ 41 ވަނަ މިނެޓްގައި ޑޯޓްމުންޑްގެ ތިންވަނަ ލަނޑު މެޓްސް ހުމެލްސް ޖަހައިދިންއިރު، މިމެޗްގައި ޑޯޓްމުންޑްގެ ފަހު ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑުވެސް ޖަހާދިން މަލެންއެވެ.
މިކާމިޔާބީއާއެކު ޑޯޓްމުންޑަށް މިހާރުވަނީ ކުޅުނު 29 މެޗުން 60 ޕޮއިންޓް ލިބި ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. ކުރިން އެއްވަނައިގާ އުޅުނު ބަޔޭން ވަނީ ހޮނިހިރު ދުވަހުގެރޭ މައިންޒް ޒއަތުން ރަށުން ބޭރުގައި 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެއާއެކު ބަޔޭން މިހާރު އުޅެނީ 59 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އެއާއެކު ޖަރުމަން ލީގުގައި މިހާރު ކޮންމެ ޓީމަކަށް ބާކީ ފަސް މެޗް އޮތް އިރު މިފަހަރު ލީގު ކާމިޔާބު ކުރުމަށް ޑޯޓްމުންޑަށް މިވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.