އަނިޔާގެ ސަބަބުން ކުރިއަށް އޮތް މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ނުކުޅެން ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ނިންމައިފިއެވެ.
އެ މުބާރާތުގައި ޖޯކޮވިޗް ނުކުޅެން ނިންމާފައިވާކަން މުބާރާތް އިންތިޒާމް ކުރާ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ. އެ ބަޔާނުގައި ޖޯކޮވިޗް ނުކުޅެން ނިންމި ސަބަބެއް ހާމަކޮށްފައިނުވި ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާއަށް އަވަސް ޝިފާއަކަށް އެދޭކަން ވަނީ ހާމަކޮށްފައެވެ.
އުމުރުން 35 އަހަރުގެ ޖޯކޮވިޗްގެ ކަނާތު އުޅަނބޮއްޓަށް އަނިޔާވެގެން އުޅޭތާ މިހާރު ދުވަސްކޮޅެއްވަނީ ވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޖޯކޮވިޗް އެންމެ ފަހުން ކުޅުނު ދެމުބާރާތުގައިވެސް ކުޅެފައިވަނީ އެ އަނިޔާ އާއެކުގަވެ. އަދި މޮންޓެ ކާލޯ މާސްޓާސްގައި ލޮރެންޒޯ މުސެއްޓީ އަތުން ބަލިވި މެޗްގައި އޭނާގެ އަތުގައި ޓޭޕް އަޅާފައި ހުރިތަންވެސް ފެނިގެން ގޮސްފައިވެއެވެ.
ޖޯކޮވިޗް ދެން ވާދަކުރުމަށް ތައްޔާރު ވާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފްރެންޗް އޯޕަން ޓެނިސް މުބާރާތަށެވެ. އެމުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އެންމެ ގިނަ ގްރޭން ސްލޭމް މުބާރާތް ކާމިޔާބު ކުރުމުގެ އައު ރިކޯޑެއް އޭނާއަށް ގާއިމް ކުރެވިގެންދާނެއެވެ. މިވަގުުތު 22 ގްރޭން ސްލޭމްއާއެކު ޖޯކޮވިޗް އާއި ރަފައެލް ނަޑާލް ވަނީ އެއްވަރުވެފައެވެ. މިފަހަރުގެ މެޑްރިޑް އޯޕަންއިން ނުކުޅޭނެކަން ނަޑާލްވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.