ކުޅިވަރު

ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް ސެވަންޓީ ސިކްސާސް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް އީސްޓަން ކޮންފަރެންސްގެ ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ވެއްޖެއެވެ.

ޕްލޭ އޮފްސްގެ ދެވަނަ ބުރުން އީސްޓަން ކޮންފަރެންސްގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސިކްސަރސް ޖާގަހޯދީ ފުރަތަމަ ބުރުގައި ހަވަނައަށް ސީޑް ކުރެވިފައިވާ ބްރޫކްލިން ނެޓްސް އާއެކު ކުޅުނު ފުރަތަމަ ހަތަރު މެޗްވެސް ކާމިޔާބުކޮށްގެންނެވެ.

މިދެޓީމްގެ މެދުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ހަތަރު ވަނަ މެޗް ބްރޫކްލިންގެ ބާރކްލޭސް ސެންޓަރގައި ކުޅެ ސިކްސަރސް ކާމިޔާބުކުރީ 96 ޕޮއިންޓް 88 ޕޮއިންޓުންނެވެ. މިމެޗްގައި ސިކްސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 25 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ އެއް އެސިސްޓް ދިން ޓޯބިއަސް ހެރިސްއެވެ. އަދި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދާދީ 12 ރީބައުންޑް ނަގާދީ އެއް އެސިސްޓް ދިން ނިކް ކްލެކްސްޓަންއެވެ.

މިކާމިޔާބީއާއެކު ޕްލޭ އޮފްގެ ދެވަނަ ބުރުގައި ސިކްސަރސް ބައްދަލުކުރާނީ ދެވަނައަށް ސީޑް ކުރެވިފައިވާ ބޮސްޓަން ސެލްޓިކްސް އާއި ހަތްވަނައަށް ސީޑް ކުރެވިފައިވާ އެޓްލާންޓާ ހޯކްސްގެ މެދުގައި ކުޅެމުންދާ ހަތް މެޗްގެ ސީރީޒްއިން ކުރި ހޯދާ ޓީމަކާއެވެ. މިވަގުތު ދެމެޗް އެއްމެޗުން ކުރީގައި އުޅެނީ ސެލްޓިކްސްއެވެ.

މީގެ އިތުރުން މި މުބާރާތުގައި އީސްޓަން ކޮންފަރެންސްގައި އެއްވަނައަށް ސީޑް ކުރެވިފައިވާ މިލަވައުކީ ބަކްސް އާއި އަށްވަނައަށް ސީޑް ކުރެވިފައިވާ މައޭމީ ހީޓް ބައްދަލުކުރި ތިންވަނަ މެޗް ކާމިޔާބުކޮށް މިސީރީޒްގައި ހީޓްއިން މިވަނީ އަނެއްކާވެސް އެއްމެޗްގެ ލީޑެއް ނަގާފައެވެ. އަދި މިމުބާރާތުގެ ވެސްޓަން ކޮންފަރެންސްގައި ދެވަނައަށް ސީޑް ކުރެވިފައިވާ މެމްފިސް ގްރީޒްލީސް އާއި ހަތްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ލޭކަރސް ބައްދަލުކުރި ތިންވަނަ މެޗް ކާމިޔާބުކުރީ ލޭކަރސްއެވެ. މިކާމިޔާބީއާއެކު މިސީރީޒްގައި ލޭކަރސްއިން މިވަނީ އެއް މެޗްގެ ލީޑެއް ނަގާފައެވެ.