ޚަބަރު

މަސްތުގެ ޙާލަތުގައި މަގުމަތީގައި އުޅުނު 50 އަށްވުރެ ގިނަ މީހުންނަށް އަންނަނީ ފަރުވާދެމުން


މަސްތުގެ ޙާލަތުގައި މާލޭގެ މަގުމަތީ އުޅުނު 50 އަށްވުރެ ގިނަ މީހުން ފަރުވާދެއްވުމަށްޓަކައި އެކި ސެންޓަރުތަކަށް ގެންދަވައިފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އެންޑީއޭއިން ކުރެއްވި މަސައްކަތުގެ ތެރެއިން މާލޭގެ އެކި ސަރަޙައްދުތަކުގައި މަސްތުގެ ޙާލަތުގައި ސަލާންޖަހަން ތިބި މީހުންނާއި މަސްތުވާ ތަކެތި ހޯދުމަށް އެކި ކުށްތަކަށް އަރައިގަންނަމުންދިޔަ މީހުންނަށް މިހާރު ފަރުވާދެއްވަމުން ގެންދަވާކަމަށް އެންޑީއޭއިން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރުގެ ނާއިބް އަދި އެންޑީއޭގެ ޗެއަރމަން ޝަމާޢު ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގައި މަސްތުގެ ޙާލަތުގައި ތިބި މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް، ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ފެއްޓެވިކަމަށެވެ. އެގޮތުން އެފަދަ 53 މީހަކަށް މިހާރުވެސް ފަރުވާދެއްވަމުން ގެންދަވާކަމަށް ޝަމާޢު ވިދާޅުވިއެވެ. ޝަމާޢުު ވިދާޅުވީ ފަރުވާދެއްވަން ގެންދެވި މީހުންގެ ތެރޭގައި 10 މީހުންނަކީ ލައިގެން ހުރި އަންނައުނު ނޫން އިތުރު އެއްވެސް އެއްޗެއް ނެތި، މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ މީހުންކަމަށެވެ. އަދި މަސްތުވާތަކެތި ހޯދުމަށްޓަކައި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ 43 މީހަކުވެސް އެންޑީއޭގެ ބެއްލެވުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

"ތަންތަނަށް ވެއްޓިފައި ތިބި މީހުންވެސް ވަގުތުން ގެންގޮސް ދޭންޖެހޭ ފަރުވާ ވަނީ ދޭންފަށާފައި. އެމީހުންނަށް އަސާސީ ޚިދުމަތްވެސް ފޯރުކޮށްދީފައިވާނީ. ސިއްޙީ ކަންކަން ބެލުމަށްޓަކައި ސްކްރީން ވަނީ ކޮށްފައި." ޝަމާއު ޝަރީފް ވިދާޅުވިއެވެ.

ޝަމާޢު ވިދާޅުވީ ފަރުވާދެއްވަން ގެންދެވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ބޮޑެތި ބަލިތައް ހުރި ދާއިމީކޮށް ބޭސްކުރަންޖެހޭ މީހުންކަމަށެވެ. އަދި މިހާރު އެމީހުންނަށް އެބަލިތަކުން އަރައިގަތުމަށްޓަކައި ފަރުވާފދެއްވަން ފަށްޓަވައިފައިވާކަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާޢު ވިދާޅުވީ ގެންދެވުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ނުކައިނުބޮއި ހަމައެކަނި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ މީހުންކަމަށެވެ. އެހެންނަމަވެސް މިހާރު އެމީހުންނަށް މިން ހެޔޮ ކެއުމުގެ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސަވައިފައެވެ.

މަސްތުވާތަކެއްޗަކީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ނުރައްކާތެރި އެއް މައްސަލައެވެ. އިޖްތިމާޢީ މިބޮޑު ވަބާގައި އެތައް ޒުވާނުންނެއް ވަނީ ޖެހިފައެވެ. ޒުވާނުންގެ އިތުރަށް ޢުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް މިވަބާގައި ޖެހިފައިވާ ކަމަށް އެންޑީއޭއިން ފާހަގަކުރައްވައެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މިފަދަ މީހުންނަށް ފަރުވާދެއްވުމަށްޓަކައި ފަރުވާދޭނެ ސެންޓަރުތައް އިތުރުކުރައްވައި އިންސާނީ ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ޖޫންމަހުގެ 26 ގެ ކުރިން ފަރުވާދޭނެ އިތުރު ތަންތަން ބޭނުންކުރަން ފެށޭނެ ކަމަށް އެންޑީއޭއިން ވިދާޅުވިއެވެ.