ދުނިޔޭގެ ބިލިއާޑުގެ މައި އިދާރާގެ ރޭންކިން މުބާރާތެއްގައި ވާދަކޮށް ނޮކައުން ބުރުން ޖާގަ ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިއަކަށް އުއްމީދީ ބިލިއާޑް ތަރި ހަސަން ޝާޒް މުޙައްމަދު ވެއްޖެއެވެ.
މި ޝަރަފު ޝާޒް ހޯދާފައިވަނީ ރާއްޖޭގައި ކުރިއަށްދާ ބިލިއާޑުގެ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތް ކަމަށްވާ ރާއްޖޭގައި ފެށި މޯލްޑިވްސް އޯޕަން 2023 - 10 ބޯލް ޗެމްޕިއަންޝިޕުގެ ގަދަ 32 އަށް ކޮލިފައިވުމަށް ކުޅުނު ޕްލޭއޮފް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝްގެ ނިޒާމުއްދީން ބަލިކޮށްގެންނެވެ. އެއާއެކު ޝާޒް މި ވަނީ ދިވެހި ބިލިއާޑުގެ ތާރީޚުން ޖާގަ ހޯދާފައެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގައި އާދީއްތަ ދުވަހުގެެރޭ ކުޅުނު މެޗު ފަށައިގެން ނިޒާމުއްދީން ވަނީ ދެ ފްރޭމުގެ ލީޑެއް ނަގާފައެވެ. ނަމަވެސް ޝާޒް ވަނީ ފަހަތުން އަރައި ތިން ފްރޭމް ކާމިޔާބުކޮށް އޭނާގެ މައްޗަށް ކުރިހޯދާފައެވެ. އެކަމަކު ނިޒާމުއްދީން ވަނީ ޖެހިގެން އައި ދެ ފްރޭމް ކާމިޔާބުކޮށް އަނެއްކާވެސް ލީޑު ނަގާފައެވެ. އެއާއެކު ޓައިމްއައުޓަށްފަހު ޝާޒް އެނބުރި ކުޅުމުގެ ތެރެއަށް އައިސް ވަނީ ޖެހިޖެހިގެން އައި ތިން ފްރޭމް ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.
ގައުމީ ރޭންކިންގެ އެއްވަނައިގައި އޮތް ޝާޒް ހިމެނެނީ މި މުބާރާތުގެ ގްރޫޕް ކޭގައެވެ. ޝާޒް ކުޅުނު ފުރަތަމަ މެޗުން އޭނާ ވަނީ ބަލިވެފައެވެ. ނަމަވެސް ގަދަ 32 ގެ އުއްމީދު ދެމެހެއްޓީ ދެވަނަ މެޗުން މޮޅުވެގެންނެވެ.
ރާއްޖެއިން ވާދަކުރާ ކުޅުންތެރިންގެ ތެރެއިން އިސްމާޢީލް ޖީހާންވެސް ވަނީ ގަދަ 32 ގެ ޕްލޭއޮފް ބުރުގައި ވާދަކޮށްފައެވެ. އެ ބުރުން އޭނާ ބަލިވީ މެލޭޝިއާގެ ކުޅުންތެރިއެއް ކަމަށްވާ ޑެރެލް ޗިއާ އަތުންނެވެ.
މި މުބާރާތުގެ ނޮކައުޓް ބުރުގެ މެޗުތައް ހޯމަ ދުވަހު ކުޅޭއިރު، ކުއާޓާ ފައިނަލް އަދި ސެމީ ފައިނަލް މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. އަދި ފައިނަލް މެޗު ތާވަލުކޮށްފައިވަނީ ބުދަ ދުވަހަށެވެ.